ޚަބަރު

އުރީދޫ މޯލްޑިވްސްގެ އައު ހެޑް އޮފީހުގެ ބިންގާ އަޅައިފި


އުރީދޫ މޯލްޑިވްސްގެ އައު ހެޑް އޮފީހުގެ ބިންގާ އަޅައިފިއެވެ. 

ހުޅުމާލޭގައި ބޭއްވި ޙާއްސަ ރަސްމިއްޔަތެއްގައި މިޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން އާއި އުރީދޫގެ މޯލްޑިވްސްގެ ކުރީގެ ސީއީއޯ ވިކްރަމް ސިންހަ އަދި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ. ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން،  އަމީން ރެސިޑެންސް ކުރިމައްޗަށްވާ ގޮތަށް ޢިމާރާތްކުރަ އުރީދޫގެ އައު ހެޑް އޮފީހުގެ ސަބަބުން ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އެއްތަނެއްގައި ފަސޭހަ ކަމާއިއެކު މަސައްކަތް ކުރެވޭނެކަމަށް އުރީދޫން މައުލޫމާތުދެެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވީ މިއީ އުރީދޫ މޯލްޑިވްސްގެ ހުވަފެނެއް ޙަޤީގަތަކަށް ވުން ކަމަށެވެ. އުރީދޫގެ އައު ހެޑް އޮފީހުގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް ހަލުވިވެގެންދާނެކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ. މި އިމާރާތުގައި ޑޭކެއަރ ސެންޓަރަކާއި، ކެފޭއަކާއި އަދި ރެކްރިއޭޝަން ހަރަކާތްތައްވެސް ކުރިއަށްގެންދެވޭނެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނޭކަމަށް ނަޖީބް ޙާން ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި އުރީދޫގެ ހެޑް އޮފީހެއް ޢިމާރާތްކުރަން ނިންމީ މުސްތަޤްބަލުގައި ހުޅުމާލެއަކީ ތަރައްޤީގެ ގިނަ މަސްރޫއުތަކެއް ކުރިއަށްދާނެ ތަނަކަށްވުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ޢިމާރާތްކުރާ އުރީދޫގެ އައު ހެޑް އޮފީހުގެ ޑިޒައިން އެއްކޮށް ނުނިމުނަސް، މަސައްކަތް ނިމޭއިރު 10 އަކާއި 12 އާއި ދެމެދުގެ އަދަދަކަށް ފަންގިފިލާ ހުންނާނެކަމަށް އުރީދޫން މައުލޫމާތުދެއެވެ. މި އިމާރާތުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ފެށޭނެކަމަށާއި، މުޅި އިމާރާތްވެސް ފަރުމާ ކުރެވިފައި ހުންނާނީ ބިއްލޫރިއާއި ދަގަނޑުން ކަމަށް އުރީދޫން މައުލޫމާތުދެއެވެ. 

އިމާރާތުގެ މަސައްކަތް ފަށާތާ 12 ނުވަތަ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް އުރީދޫން ބުނެއެވެ. މިއިމާރާތް ނިމުމުން މާލޭގައި ހުރި އުރީދޫގެ ސޭލްސް ޑިޕާޓްމަންޓް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ހުޅުމާލެއަށް ބަދަލުވެގެންދާނެއެވެ. އަދި ކުންފުނީގެ 1000 މުވައްޒަފުންނަށް އެއްވެސް ދަތިކަމެއްނެތި މިތަނުގައި މަސައްކަތް ކުރެވޭނެކަމަށް އުރީދޫން މައުލޫމާތުދެއެވެ.