ޚަބަރު

ފާރިސްއަށް ޖަވާބްދާރީވުމަށް އިތުރު ފުރުޞަތެއް ދީފި


ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ކުރިމިނަލްކޯޓުން ދީފިއެވެ.

ކޯޓުން މި ފުރުޞަތު ދީފައިވަނީ ފާރިސް ބަންދުގައި ހުރުމުން ދައުވާއަށް ޖާވާބުދާރީވުމަށް ބައްދަލުކުރާނެ ފުރުޞަތު ލިބިފައިނުވާކަމަށް އެނާގެ ޤާނޫނީ ޓީމުން މިއަދު ކޯޓްގައި ބުނުމުންނެވެ. މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ފާރިސް މައުމޫންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ އެހެން މައްސަލައެއްގައި ފާރިސް ބަންދުކޮށްފައި ހުރުމުން އެނާއާއި ބައްދަލުކުރާނެ ފުރުޞަތު ލިބިފައިނުވާކަމަށެވެ. އެހެންކަމުން މައްސަލައަށް ޖާވާބުދާރީވުމަށް ތައްޔާރުނުވެވުނުކަމަށް މައުމޫން ހަމީދް ވިދާޅުވިއެވެ. އަދި މައްސަލަ އަށް ޖާވާބަދާރީވުމަށް އިތުރު ފުރުޞަތެއް ދެއްވުމަށް މައުމޫން ހަމީދު އެދިވަޑައިގެންނެވިއެވެ.

މައްސަލަ ބައްލަވާ ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ފާރިސް މައުމޫން ޖަވާބްދާރީވުމަށް އިތުރު ފުރުޞަތެއް ދެއްވުމުގެ ގޮތުން މިމަހުގެ 31 ވަނަދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާންކުރެއްވުމަށްފަހުގައެވެ. އަދި އެދުވަހު އެއީ ޖަވާބްދާރީވުމަށް ދެވޭ އެންމެ ފަހު ފުރުޞަތުކަމަށާއި އެދުވަހުގެ އަޑުއެހުމުގައި މައްސަލައިގެ ޝަރީއަތް ކުރިޔަށް ގެންދާނެތޯ ނުވަތަ ނޫންތޯވެސް ނިންމާނެކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

ދައުލަތުން ފާރިސް މައުމޫނާއި ދެކޮޅަށް ދައުވާ އުފުލާފައިވަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ޤަވައިދާ ޚިލާފަށް ބޭނުންކުރިކަމަށް ބުނެއެވެ.

މި ދައުވާއަށް ފާރިސް މައުމޫން ވަނީ އިންކާރުކުރައްވާފައެވެ. މި ކުށް ފާރިސްގެ މައްޗަށް ސާބިތުވެއްޖެނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލަށްލުމެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ފާރިސް މައުމޫންގެ ބައްޕާފުޅު މައުމޫން އަބްދުލް ޤައްޔޫމާއި ދަރިކަނބަލުން ޔުމްނާ މައުމޫންވެސް ވަޑައިގެންނެވިއެވެ. މިއަދުގެ އަޑުއެހުމަށް މައުމޫން ވަޑައިގެންނެވުމުން އެމަނިކުފާނަށް ޝަރީއަތުގެ މަޖިލީހުގައި ކޯޓުން ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާދީފައިވެއެވެ.