ޚަބަރު

"އިދިކޮޅު ފަރާތްތަކުން އުޅެނީ ވެރިކަމަށް އަތްގަދަ ކުރަން"


އިދިކޮޅު ސިޔާސީ ފަރާތްތަކުން ޤައުމު އިޞްލާޙުކުރުމުގެ ނަމުގައި ނިކުތްނަމަވެސް އެމީހުންގެ ޝަޢުޤުވެރިކަން ހުރީ ވެރިކަމަށް އަތްގަދަ ކުރުންކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

އިދިކޮޅުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ޝަރީޢަތުން ރެކެން މަސައްކަތްކުރާ ފަރާތްތައް އެބަތިބިކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، އެމީހުން މަސައްކަތްކުރަނީ ޤައުމު ހަނުޖެހުމުގެ ތެރެއަށް ވައްޓާލުމަށްކަމަށެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ޤައުމުގެ ތަރައްޤީއަށް ކޮންމެ ޒާތެއްގެ ހުރަސްއެޅުމުގެ މަސައްކަތެއް ކުރިނަމަވެސް ރައީސުލްޖުމްހޫރިއްޔާއާއި މިސަރުކާރުން އެކަމާ ވަރަށް ސާބިތުކަމާއެކު ކުރިމަތިއްލައްވާ ރައްޔިތުންނަށް އަމާންކަމާއި ހިތްހަމަޖެހުން ގެނެސްދީފައިވާކަމަށެވެ. 

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢިދު ވަނީ ތަރައްޤީއަށް ހުރަސްއެޅުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާ ގޮވާލެއްވުން ތަކުރާރުކުރައްވާފައެވެ. ރާއްޖޭގައި ހުރި ޢުމްރާނީ މަސައްކަތްތަކަކީ ޤައުމުގެ ޒުވާން ޖީލަށް ވަރަށް ބޮޑު ޚަރަދެއްކޮށްގެން ގެނެސްދޭ ތަރައްޤީއެއް ކަމަށާއި، މިތަރައްޤީ ހުއްޓުވައިފިނަމަ ކުރިއަށް އޮތް ޖީލަށް ބޮޑު ޚަރަދެއްކުރަންޖެހި އެކަމާ ޤައުމު ހިތާމަކުރާނެކަމަށެވެ. މި ހުރިހާ ގޮންޖެހުންތަކާއެކުވެސް ރައީސް ޢަބްދުﷲ ޔާމީން ނަތީޖާ ނެރެދެއްވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.