ޚަބަރު

"ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުން މާރަނގަޅު"


ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރާކަމަށް ވިދާޅުވާބައެއް ބޭބޭފުޅުން ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ރައްޔިތުންގެ ހައްޤުގައި ދެއްކުން މާ އައުލާކަން ބޮޑު ކަމަށް ރައީސްއޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އަދި ދަޢުލަތުގެ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ދެން ކޮން ސުވާލެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޢާޒިމާ ވިދާޅުވީ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުން ކަމަށް ވާނީ އެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްގުތަކުން މަޙްރޫމް ނުކޮށް މަސައްކަތް ކުރުމުން ކަމަށެވެ. އެގޮތުން މިހާރު ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރާކަމަށް ވިދާޅުވާ ބޭފުޅުންނަކީ ދަޢުލަތަށް އެތައް މިލިއަން ރުފިޔާއެއް ދައްކަންޖެހޭ ބައެއް ކަމަށާއި ރައްޔިތުންގެ ހައްޤުގައި އެ ފައިސާތައް ދައުލަތަށް ދެއްކުމަށްވުރެބޮޑަށް ރައްޔިތުންގެ ހައްޤުގައި ކޮށްދެވޭނެ އެހެންކަމެއް ނޯންނާނެ ކަމަށްވެސް ޢާޒިމާ ވިދާޅުވިއެވެ. 

ޢާޒިމާ ވިދާޅުވީ އެފަދަ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ ލޯބި ލިބިފައިވާ އެތައް ބަޔަކު އެބަތިބިކަމަށާއި ނަމަވެސް ހިތާމައަކީ ވެރިކަން ބަދަލުކޮށްގެން އެބޭފުޅުން ބޭނުންވާ ކަންކަން ޙާސިލް ކުރުމަށް ބައެއް ބޭފުޅުން މަސައްކަތް ކުރެއްވުންކަމަށެވެ.