ޚަބަރު

ޑރ.ބިލާލް ފިލިޕްސްގެ ދަރުސެއް އިސްލާމީ މަރުކަޒުގައި ބާއްވައިފި


ކެނެޑާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސްގެ ދަރުސެއް އިސްލާމީ މަރިކަޒުގައި ބާއްވައިފިއެވެ. ބިލާލް ދަރުސް ދެއްވާފައިވަނީ "ޓްރޫލީ ސަކްސެސްފުލް ޕީޕަލް" މި މައުޟޫއަށެވެ. 

ޕީސް ފައުންޑޭޝަނުން ކުރިއަށްގެންދާ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް، "ދަ ލެގަސީ"ގައި ބައިވެރިވެވަޑަތުމަށް ޑރ.ބިލާލް ފިލިޕްސް ރާއްޖެ ވަޑާއިގެން ވަނީ ޚާއްސަ ދަރުސެއްދެއްވާފައެވެ. މިދަރުސްގައި ވާހަކަ ދައްކާފައިވަނީ "ޓްރޫލީ ސަކްސެސްފުލް ޕީޕްލް" މި މަޢޫޟޫއަށެވެ. އެގޮތުން އޭނާ ވަނީ ކީރިތިރަސޫލާގެ ސުންނަތާއި އެކަލޭގެ ފާނުގެ ސަޙާބީންގެ ދިރިއުޅުއްވުމުން މިސާލުދައްކަވައި، ކާމިޔާބު މީހަކަށް ވުމަށް ކުރެވިދާނެ ކަންތައްތައް ތަފްސީލްކޮށްދީފައެވެ. 

ދަރުސް ނިންމާލުމަށް ފަހު އާއްމުންގެ ތެރެއިން ސުވާލު ކުރި މީހުންނަށް ބިލާލުވަނީ ވަރަށް ތަފްސީލްކޮށް ޖަވާބު ދީފައެވެ. ޑރ.ބިލާލް ފިލިޕްސް ރާއްޖެއަށް ކުރާ ދަތުރުގައި އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދުގައި އިމާމްވެ ޚުތުބާ ދެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ދަ ލެގަސީ ހަރަކާތަށްފަހު، ޕީސް ފައުންޑޭޝަންގެ ޓީމާއެކު، ޑރ.ބިލާލް ފުވައްމުލަކަށް ދިއުމަށްވެސް  ހަމަޖެހިފައިވެއެވެ.

އޭނާއަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސް ދަރުސް ދީފައިވާ ޢިލްމުވެރިއެއކެވެ.