ޚަބަރު

ކަމަދޫ ބައި-އިލެކްޝަން އޮގަސްޓްމަހުގެ 19 ވަނަ ދުވަހު ބާއްވަނީ


ބ. ކަމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އޮގަސްޓްމަހުގެ 19 ވަނަ ދުވަހު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރެއްވި އިއުލާނުގައި ވަނީ، ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މިއާއެކު، އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ، ބައި-އިލެކްޝަންގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތާއި، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށްވެސް ފުރުސަތު ހުޅުވާލާފައެވެ. ޝަކުވާ ހުށައެޅޭނީ މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކަމަދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގެ ނައިބު ރައީސް، ހުވާކުރެއްވިތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދިނުމާއި ގުޅިގެނެވެ.