ޚަބަރު

ފަރަށް އެރި ދޯނީގައި ތިބި މީހުން ކޯސްޓްގާޑުން މާލެ ގެނެސްފި


ބޮލިފުށި ރިސޯޓް ކައިރިއަށް މަހަށް ނިކުތް ދޯންޏެއް ފަރަށް އެރުމާ ގުޅިގެން އެ ދޯނީގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްފިއެވެ.

18 މީހުންނާއެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، މިރޭ ފަރަށް އަރާފައިވަނީ "ރަތްވިލާ" ނަމަކަށް ކިޔާ ދޯންޏެކެވެ. ހާދިސާ ހިނގިއިރު، އެ ދޯނީގައި ތިބި 3 އަންހެނުންނާއި ބިދޭސީ 3 މީހުން މިހާރު މާލެ ގެނެސްފައިވާއިރު ބާކީ ތިބި ފަޅުވެރިން ދޯނި ފުންކުރުމުގެ މަސައްކަތަށް މަޑުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

މިހާދިސާގެ ރިޕޯޓް މިރޭ 20:30 ހާއިރު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުމާ ގުޅިގެން، މާލޭ ސަރަޙައްދުގައި ޕެޓްރޯލް ކުރަމުންދިޔަ ކޯސްޓްގާޑުގެ ހާބަރކްރާފްޓް ލޯންޗެއް ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސްފައެވެ. އަދި، އޭގައި ތިބި 18 މީހުންގެ ތެރޭގައި ހިމެނޭ 3 އަންހެނުންނާއި 3 ފިރިހެނުން މިރޭ 22:15 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހާބަރކްރާފްޓް ލޯންޗުގައި ވަނީ މާލެ ގެނެސްދީފައެވެ.