ޚަބަރު

ހައިކޯޓަށް ފަނޑިޔާރުން އިތުރުކުރަން ހުށައެޅި އިޞްލާހު ފާސްވެއްޖެ


ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 11 އަށް އިތުރުކުރެއްވުމަށް ކޯޓުތަކުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިޞްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެ އިޞްލާހް ފާސްކުރެއްވީ، 43 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙެވެ. މި އިސްލާޙްގައި ބާޔާންކޮށްފައިވާގޮތުން ހައިކޯޓް އެކުލެވިގެންވަނީ ހައިކޯޓްގެ އިސްފަނޑިޔާރާއި، އެކޯޓަށް ޢައްޔަންކުރެވޭ އިތުރު 10 ފަނޑިޔާރުންނާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. މިހާރު ހައިކޯޓްގައި ތިއްބަވަނީ އެކޯޓްގެ އިސްފަނޑިޔާރު ހިމެނޭގޮތަށް 9 ފަނޑިޔާރުންނެވެ.

މި އިސްލާހް ފާސްވި ނަމަވެސް ކުރިން ހައިކޯޓްގައި ތިއްބަވާ ފަނޑިޔާރުން މަޤާމުގައި ދެމިތިއްބަވާނެއެވެ. އަދި އިތުރަށް އައްޔަންކުރަންވަންޖެހޭ ފަނޑިޔާރުން، އިސްލާޙް ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވާތާ 3 މަސްދުވަހުގެ ތެރޭގައި އައްޔަން ކުރައްވަން ޖެހޭނެ ކަމަށް މި އިސްލާޙްގައިވެއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ހައިކޯޓަށް ފަނޑިޔާރުން އައްޔަނުކުރައްވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.

ކޯޓްތަކާ ބެހޭ ޤާނޫނަށް 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ގެންނެވި އިސްލާޙާ އެއްގޮތަށް ސުޕްރީމް ކޯޓުން ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓްގެ ގޮފިތައް ޤާއިމުކުރައްވާފައެވެ. މި އިސްލާޙްގައިވާ ގޮތުން ހައިކޯޓްގެ ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް 3 ފަނޑިޔާރުން އައްޔަނު ކުރައްވަންޖެހެއެވެ. ސުޕްރީމް ކޯޓުން ވަނީ ހައިކޯޓްގެ ގޮފިތަކަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރޮޓޭޓް އުސޫލުންކަމަށް ކަނޑައަޅުއްވާފައެވެ.