ޚަބަރު

ތެލުން ނަގާ ޑިއުޓީ 5 އިންސައްތަ ކުޑަކުރަން ފާސްކޮށްފި


ތެލުން ނަގާ ޑިއުޓީ 5 އިންސައްތަ ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ހުސައިން މަނިކު މަޖިލީހަށް ހުށަހެޅުއްވި އެ އިޞްލާހް ފާސްކުރެއްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ. އިމްޕޯރޓް އެކްސްޕޯޓް ޤާނޫނުގެ ޗެޕްޓަރ 27އަށް ނިހާން ހުށަހެޅުއްވި އިޞްލާޙްގައި ވަނީ ބިމުން ނަގާ ހަކަތައިގެ ބާވަތްތަކާއި ބިމުން ނަގާ ތެލާއި އަދި އެފަދަ އެއްޗެހި ސާފުކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ކުޑަކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.

އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވާ ގޮތުގައި ޑީސަލާއި އޭވިއޭޝަން ފިއުލާއި ކައްކާ ގޭހާއި ކަރާސީނު އަދި ޕެޓްރޯލުން 10 އިންސައްތައިގެ ޑިއުޓީއެއް އަންނަނީ ނަގަމުންނެވެ. މި އިޞްލާޙް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤްކުރެއްވުމާއެކު ތެލުގެ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ދެބައިކުޅަ އެއްބައި ކުޑަވެގެންދާނެއެވެ.