ޚަބަރު

ޕީއެސްއެމްގެ ކޭބަލްޓީވީގެ ޚިދުމަތް އުރީދޫގެ ކަސްޓަމަރުންނަށް


ޕީއެސްއެމްގެ ކޭބަލްޓީވީގެ ޚިދުމަތް އުރީދޫގެ ނެޓްވާރކް ބޭނުންކުރާ ފަރާތްތަކަށް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމްގައި ބޭއްވި މި ރަސްމިއްޔާތުގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާންއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ޕީއެސްއެމުން ކޭބަލް ޓީވީގެ ޚިދުމަތް ދޭން ފަށާނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ. ޚަލީލް ވިދާޅުވީ، ޕީއެސްއެމުން ދޭން ތައްޔާރުވަމުން އަންނަ ކޭބަލްޓީވީގެ ޚިދުމަތަށް އުރީދޫއަކީ މުހިންމު ޕާޓްނަރެއްކަމަށެވެ. އަދި އެކުންފުނިން ޕީއެސްއެމަށް ދޭ އެއްބާރުލުމާއި ބާއްވާ ގާތްކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ޕީއެސްއެމުން ތަޢާރަފްކުރާ ކޭބަލްޓީވީގެ ޚިދުމަތުގެ ބައިވެރިޔަކަށް އުރީދޫ ހަމަޖެހުމަކީ އެކުންފުންޏަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށެވެ.

ޕީއެސްއެމް އިން ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށްޓަކައި ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކަކާއެކު މިހާރު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މިގޮތުން ރާއްޖޭގައި މިހާރު ބަލަމުންދާ ހުރިހާ ޗެނަލްތަކާއެކު ސޮއިކުރުން ހިމެނެއެވެ. ޚާއްޞަކޮށް ދުނިޔޭގެ އެންމެ މަޝްހޫރު ޗެނަލްތަކާއި ދިވެހިންގެ މެދުގައި އެންމެ މަޤްބޫލް ޗެނަލްތައް ހިމެނެއެވެ. މީގެއިތުރުން ދިވެހި ފިލްމާ، ޑްރާމާއާއި، ލަވައާއި، ހިންދީ އަދި އިނގެރޭސި މަޝްހޫރު ފިލްމްތައް ބެލޭނެ ގޮތްވެސް ކޭބަލްޓީވީގެ ޚިދުމަތުގައި ހިމެނޭނެއެވެ. މީގެއިތުރުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އިންޓަރަކްޓިވް ކޮންޓެންޓްތައްވެސް ހިމެނޭނެއެވެ. ޕީއެސްއެމްގެ ކޭބަލްޓީވީ ޚިދުމަތުގެ ފުރަތަމަ ފިޔަވަހި ފެށިގެންދާއިރު ސްމާޓް ޑިވައިސްތަކަށް މި ޚިދުމަތް ލިބޭނެއެވެ.

ޕީ.އެސް.އެމްއާއި ގުޅިގެން ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށް މިދިޔަ މާޗްމަހުގެ 29 ވަނަ ދުވަހު ޢާންމުކޮށް ހުޅުވާލުމާއެކު، މި ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ކުންފުނިންތަކެއްގެ އިތުރުން ގާތްގަނޑަކަށް 100 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ދާދިފަހުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޚަލީލް ވަނީ ދުބާއީ އާއި އިންޑިއާގެ މުމްބާއީއާއި، ސިންގަޕޫރަށް ދަތުރުކުރައްވައި ދުނިޔޭގެ މަޝްހޫރު ބައެއް ޓީވީ ޗެނަލްތަކުގެ ރައިޓްސް އެގްރީމެންޓްތަކުގައި ސޮއިކުރައްވާފައެވެ. އޭގެތެރޭގައި ސިންގަޕޫރުގެ މަޝްހޫރު "މީޑިއާ ކޯޕް" ކުންފުނީގެ ދަށުން ހިންގާ ޗެނަލް ނިއުސް އޭޝިއާފަދަ މަޝްހޫރު ބައެއް ޗެނަލްތަކުގެ ރައިޓްސް ހިމެނެއެވެ. އަދި ސިންގަޕޫރުގެ މަލްޓިޗެނަލް އޭޝިއާގެ ޗެނަލްތަކުގެ ރައިޓްސް އެގްރީމެންޓުގައިވެސް ހިމެނެއެވެ. މީގެއިތުރުން ޗައިނާގެ 25 ޓީވީޗެނަލެއްގެ ރައިޓްސް އެއްބަސްވުމުގައިވެސް ޕީއެސްއެމުން މިހާރުވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި އެޤައުމުގެ ޤައުމީ ޓީވީގެ އިތުރުން ރާއްޖޭގެ ޢާއްމުންނާ ގުޅުންހުރި ޗެނަލްތަކާއި، ފަތުރުވެރިކަމާ ގުޅުންހުރި ޗެނަލްތައް ހިމެނެއެވެ. މަޝްހޫރު ޗެނަލްތަކުގެ ރައިޓްސް ހޯދުމަށް ޕީއެސްއެމުން ކުރާ މަސައްކަތުގެ ދަށުން އިންޑިއާގެ ރިލައިންސް ގްރޫޕުގައި ހިމެނޭ "އިންޑިއާ ކާސްޓް" ގެ ބައެއް ޓީވީ ޗެނަލްތަކުގެ ރައިޓްސް އެއްބަސްވުމުގައިވެސް ޕީއެސްއެމްއިން ވަނީ ސޮއިކޮށްފައެވެ. އިންޑިއާ ކާސްޓްގެ ޗެނަލްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މަޤްބޫލު ކަލާސް ޓީވީއާއި އެމްޓީވީ ފަދަ ޗެނަލްތަކާއެކު ޖުމުލަ 9 ޗެނަލް ހިމެނެއެވެ. މީގެ އިތުރުން ޑިސްނީ އިންޑިއާއާއި، ބީފޯޔޫގެ ޗެނަލްތައްވެސް ރީ-ބްރޯޑްކާސްޓްކުރުމުގެ ހުއްދަވެސް ޕީއެސްއެމަށް ވަނީ ލިބިފައެވެ. އަދި މަޝްހޫރު ފެޝަންޓީވީގެ ރައިޓްސްވެސް ޕީއެސްއެމަށް ވަނީ ލިބިފައެވެ.