ޚަބަރު

އައި.ޔޫ.އެމް އާއި ޔޫއެންޑީޕީ ގުޅިގެން މަސައްކަތް ކުރަނީ


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ތައުލީމު ހާސިލު ކުރަމުންގެންދާ ދަރިވަރުންނަށް، ކިޔެވުމާއި ގުޅޭ ދާއިރާތަކުން ދިރާސާތައް ހެދުމާއި، ކިޔެވުމާއި ގުޅޭ މަޢުލޫޢުތަކާއި ގުޅޭގޮތުން މައުލޫމާތު ބަދަލުކޮށް ހިއްސާކުރުމަށް ޔުނައިޓެޑް ނޭޝަނަލް ޑިވެލޮޕްމެންޓް ޕްރޮގަރާމް، ޔޫ.އެން.ޑީ.ޕީ އާއި އިސްލާމީ ޔުނިވަރސިޓީ، އައި.ޔޫ.އެމްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެޔުނިވަރސިޓީގެ ރިސަރޗް އެންޑް އިނޮވޭޝަންގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. މަރިޔަމް ޝަހުނީޒާ ނަސީރުއެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރެސިޑެންޓް ކޯޑިނޭޓަރ ޝޮކޯ ނޯޑާއެވެ.

img:http://s4.psmnews.mv/images/660x400/14968509470322.jpg|އައި.ޔޫ.އެމް އާއި ޔޫއެންޑީޕީން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޔޫއެންޑީޕީ

އެމް.އޯ.ޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދަކަވަމުން ޑރ. ޝަހުނީޒާ ވިދާޅުވީ މި އެއްބަސްވުމަކީ އިންސާނީ ހައްގުތަކާއި، ގާނޫނާއި ގަވާއިދާއި، އަދި ގަވަނަސްގެ ދާއިރާއިން މައްސަލަތައް ހައްލު ކުރެވޭނެ ގޮތަތަކާއި މެދު އިސްލާމީ ނަޒަރަކުން ބަލާ ދިރާސާ ކުރުމަށް މަގުފަހިކޮށްދިނުމަށް ވެވޭ އެއްބަސްވުމެއްކަމަށެވެ.

ޔޫއެންޑީޕީގެ ރެސިޑެންޓް ކޯޑިނޭޓަރ ޝޮކޯ ނޯޑާ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް އިންޓާރންޝިޕް ޕްރޮގްރާމްތަކާއި ކުރު މުއްދަތުގެ ކޯސްތައް ހިންގުމުގެ ފުރުސަތުވެސް ފަހިވެގެން ދާނެކަމަށެވެ. އަދި ރާއްޖޭގައި ހުންނަ ޔޫއެންޑީޕީގެ އޮފީހުގެ މަސައްކަތްތަކުގައި ބައިވެރިވެ ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށެވެ. މި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ އިސްލާމީ ޔުނިވަރސިޓީން ހިންގާ އިމާމްޝިޕް އަދި ލޯކަލް ގަވަރނަންސް ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެނެވެ. މިއީ ޔޫ.އެން.ޑީ.ޕީ އާއި ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.