ޚަބަރު

އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް ނަމުގައި މައުރަޒެއް ބާއްވަނީ


"އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން މައުރަޒެއް ބޭއްވުމަށް އެކުންފުނިން ނިންމައިފިއެވެ.

ފެން ބިލްޑިންގގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި "އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް" މިމަޢުރަޒުގެ ރަސްމީ ވެބްސައިޓް އިފްތިތާޙުކުރިއެވެ. މިވެބްސައިޓް އިފްތިތާޙުކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުއެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޢުރަޒު ބަހާލެވިފައިވަނީ 7 ބަޔަކަށެވެ. މަޢުރަޒުގައި ވަނަތަކަށް ދާފަރާތްތަކަށް ދިހަ ހާހާއި ހަތްދިހަ ހާހާއި ދެމެދުގެ ފައިސާގެ އިނާމް ދެއްވުމަށްވަނީ ހަމަޖެހިފައެވެ.

img:http://s3.psmnews.mv/images/660x400/14968439741289.jpg|އެމްޑަބްލިޔުއެސްސީ ރީސައިކަލްސް މަޢުރަޒާއި ގުޅޭ ގޮތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު މަޢުލޫމާތު ދެއްވަނީ / ފޮޓޯ: އެމްޑަބްލިޔުއެސްސީ

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝިދު ވިދާޅުވީ، ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މިފަދަ މަޢުރަޒެއް ބޭއްވުމުގެ މަޤްސަކީ ތިމާވެއްޓާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ފަރުދީ ޒިންމާއަދާކުރުމަށް ބާރުއަޅައި ފަހި މާދަމާ އަކަށް މަގުފަހިކުރުންކަމަށެވެ.

މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ "އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް"ގެ ވެބްސައިޓުން މިމައުރަޒުގައި ބައިވެރިވުމުގެ ފޯމް ޑައުންލޯޑްކުރެވެން ހުންނާނެކަމަށާ، މައުރަޒުގައި ބައިވެރިވާނެ ފުރުސަތު ޖުލައި މަހުގެ އެއްތިރީހުގެ ނިޔަލަށް ހުޅުވިފައިވާކަމަށެވެ. އަދި މަޢުރަޒުގައި ހިމަނާ ތަކެތި ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ އޮގަސްޓް މަހުގެ ތޭރަވަނަ ދުވަހުން ފެށިގެން ސޯޅަ ވަނަ ދުވަހުގެ ނިޔަލަށްކަމަށްވެސް އެފަރާތުން ބުނެއެވެ. 

މި މަޢުރަޒް އޮންނާނީ އޮގަސްޓް މަހުގެ ވިހި ވަނަ ދުވަހުން ފެށިގެން ސައުވީސް ވަނަ ދުވަހުގެ ނިޔަލަށެވެ.