ޚަބަރު

ފީއަލީގައި ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވާލައިފި


  • އެކަކު ވަނީ ފިހިފައި، އެމީހާއަށް ދަނީ ފަރުވާދެމުން

  • ތެޔޮ ދޯނި، 3 ދޯނި އަދި އައިސްޕްލާންޓްގައި ވަނީ ރޯވެފައި

ފ. ފީއަލީގައި ތެޔޮ ބޯޓުގައި ރޯވި އަލިފާން، ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ އަދި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފަވާކަމަށެވެ.

މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކާއި އަދި ފީއަލީގެ އައިސްޕްލާންޓު ވަނީ އަނދާފައެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު 09:30 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ވެސް ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 10:35 ހާއިރުއެވެ.