ޚަބަރު

ޤަތަރާ ގުޅުން ކަނޑާލުމަކީ ދިވެހި ދައުލަތުގެ އަމިއްލަ ނިންމެވުމެއް


ޤަތަރާއެކު ސިޔާސީ ގުޅުން ކަނޑާލުމަކީ ދިވެހި ދައުލަތުގެ އަމިއްލަ ނިންމެވުމެއް ކަމަށާއި، މިކަމުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ޤަތަރާއެކު ސިޔާސީ ގުޅުން ކަނޑާލުމަށް ނިންމެވުމާ ގުޅޭ މައުލޫމާތު ދެއްވުމަށް މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވީ، ޤަތަރާއެކު ސިޔާސީ ގުޅުން ކަނޑާލުމަށް ނިންމަވާފައިވަނީ މިފަދަ ނިންމެވުމަކާ ގުޅިގެން ދިމާވެދާނެ ފައިދާތަކާއި، ގެއްލުންތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނެވުމަށްފަހުގައި ކަމަށެވެ.

ސަރުކާރުގެ ކޮންމެ ނިންމެވުމަކީ، ދިވެހިރާއްޖޭގެ އަމިއްލަ ވަންތަކަމާއި، އިސްތިޤްލާލާއި، މިނިވަންކަން ދެމެހެއްޓޭނެ ގޮތަށް، ނިންމަވާނެ ނިންމެވުމެއް ކަމަށާއި، ދިވެހި ރައްޔިތުންނަށް ގެއްލުމެއްހުރި ނިންމެވުމަށް ސަރުކާރުން ނުނިންމަވާނެ ކަމަށް ދައުލަތުގެ ބަންޑާރަނާއިބު ވިދާޅުވިއެވެ.

ސަރުކާރުން ނިންމެވި މި ނިންމެވުމަކީ ޓެރަރިޒަމަށް ޒީރޯ ޓޯލަރެންސް ދިނުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމާއި، ޓެރަރިޒަމަށް ބާރުލިބޭ ގޮތަށް ޢަމަލުތައް ބަހައްޓާ ޤައުމުތަކާއި، ޖަމިއްޔާތަކާމެދު އިތުރު ވިސްނުމަކުން ވިސްނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ، ޤަތަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމަށް ނިންމެވި ނިންމެވުމަކީ އެޤައުމާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ނިންމެވި ނިންމެވުމެއް ނޫން ކަމަށެވެ. އެހެންކަމުން އެޤައުމާއެކު ދިވެހިރާއްޖެއިން ޤާއިމުކުރައްވާފައިވާ ވިޔަފާރީގެ ގުޅުން ކުރިއެކޭވެސް އެއްގޮތަށް ދެމިއޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދޭދޭ ޤައުމުތަކާއި، ޚާއްޞަކޮށް އަރަބި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހި ކުރުމަށް އިސްކަންދެއްވާ ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. ޤަތަރާއެކު ސިޔާސީ ގުޅުން ކަނޑާލުމުން އެޤައުމާއެކު ޤާއިމުވެފައިވާ ވިޔަފާރީގެ ގުޅުމަށް އައިސްދާނެ ހީނަރުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދައުލަތުގެ ބަންޑާރަނާއިބު ވިދާޅުވީ، ސަރުކާރުން ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައާ އެކު ގުޅުން ބަދަހިކުރަމުން ގެންދާނެ ކަމަށާއި، މި ނިންމެވުމުގެ ސަބަބުން އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހުއްޓިގެން ނުދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ޤަޠަރާއި ދިވެހިރާއްޖެއާ ދެމެދުއޮތް ސިޔާސީ ގުޅުމާބެހޭގޮތުން މެންބަރުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި މިދިޔަ މޭ މަހު ބޭއްވި ޢަރަބި އިސްލާމިކް އެމެރިކަން ސަމިޓުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ޢަރަބި އަދި އިސްލާމީ ޤައުމުތަކުން އެއްބަސްވެފައިވާކަންވެސް މެންބަރުން ފާހަގަކުރައްވައި، ޓެރަރިޒަމާއި ދީނީގޮތުން ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މި ސަމިޓްގައި ބައިވެރިވި އަރަބި އިސްލާމީ ޤައުމުތަކުން އެއްބަސްވި އެއްބަސްވުމާއި ޚިލާފަށް ޤަތަރުން ޓެރަރިޒަމާއި ހައްދުފަހަނަޅާފައިވާ ދީނީ ޖަމާއަތްތަކަށް އެހީ ފޯރުވަމުން ގެންދާ ކަމަށް ތުހުމަތު ކުރެވޭތީ އަރަބި އިސްލާމީ ޤައުމުތަކުން ޤަތަރާއެކު އޮތް ގުޅުން ކަނޑާލާފައިވާ ކަން ވަޒީރުން ފާހަގަކުރެއްވިއެވެ.