ޓެކްނޮލޮޖީ

100 ގައުމެއްގެ 75000 އަށްވުރެ ގިނަ ކޮމްޕިއުޓަރު ހެކްކޮށްފި


ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކާއި އަމިއްލަ ކުންފުނިތަކުން ބޭނުންކުރާ ކޮމްޕިއުޓަރުތަކަށް ހެކަރުންގެ ބަޔަކު ސައިބަރ ޙަމަލާތަކެއްދީ، ގެއްލުންތަކެއް ކުރިމަތިކުރުވައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ހުކުރުދުވަހު ހެކަރުންގެ ޙަމަލާތަކުގެ ބޮޑު ބައެއް އަމާޒުވީ ޔޫރަޕްގެ ޤައުމުތަކަށެވެ. އެގޮތުން ރަޝިޔާ، ޔޫކްރެއިން، ސްޕެއިން، އިނގިރޭސިވިލާތް، ޕޯޗުގަލްގެ ކުންފުނިތަކާއި ސަރުކާރުގެ ޚިދުމަތްދޭ ތަންތަނަށް ސައިބަރ ޙަމަލާތައް ދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ސައިބަރ ޚަމަލާތަކާ ދެކޮޅަށް ބޭނުންކުރާ ސޮފްޓްވެއަރތައް ތައްޔާރުކުރާ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އަވާސްޓުން ބުނާގޮތުގައި، ގާތްގަނޑަކަށް 100 ޤައުމަކަށް ސައިބަރ ޙަމަލާގެ އަސަރުކޮށްފައިވެއެވެ. އަދި 75000 އަށްވުރެ ގިނަ ފަރާތަކުން މިމައްސަލަ އަވާސްޓަށް ރިޕޯޓްކޮށްފައިވެއެވެ. ސައިބަރ ޙަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި، އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކާއި ފެޑެކްސް ފަދަ ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތައް ހިމެނޭއިރު، ޙަމާލާތައް ދިން ފަރާތުން ވަނީ އެ ޙަމަލާގެ ގެއްލުމުން ސަލާމަތްކޮށްދެވޭނީ ފައިސާ ދިނުމުންކަމަށް ބުނެ އިންޒާރުދީފައެވެ. 

ސައިބަރ ސެކިއުރިޓީ ބަލަހައްޓާ ބައެއް ފަރާތްތަކުން މިޙަމަލާ ސިފަކުރަނީ މިހާތަނަށް ކުރިމަތިކުރި އެންމެ ބޮޑު ޙަމަލާގެ ގޮތުގައެވެ.

ސައިބަރ ޙަމަލާ ދިނީ ކިހިނެތް؟

މި ސައިބަރ ޙަމަލާތައް ދިން ގޮތަށް ބަލާއިރު، ހެކަރުންގެ ބާރުގެ ދަށަށް އެމީހުން ބޭނުންވާ ކޮމްޕިއުޓަރުތައް ގެނައުމަށްޓަކައި "ވޮނަ ކްރައި" ނަމަކަށް ކިޔާ މެލްވެއާރއެއް އެމީހުންނަށް ފޮނުވޭގޮތްވި ކޮމްޕިއުޓަރުތަކަށް ފޮނުވާލަނީއެވެ. ވައިރަހެއްފަދަ މިމެލްވެއަރ ކޮމްޕިއުޓަރުތަކަށް ފޯރަނީ ވެބްސައިޓްތަކެއް މެދުވެރިކޮށެވެ. ގޮތް ނޭގޭ ލިންކުތަކާއި ވެބްސައިޓްތަކަށް ވަނުމުން އޮޓަމެޓިކުން މި މެލްވެއަރ ކޮމްޕިއުޓަރުތަކަށް ޑައުންލޯޑްވެއެވެ. އެއާއެކު އިންފެކްޓްވި ކޮމްޕިއުޓަރުތައް ހެކަރުންގެ ބާރުގެ ދަށަށް ދެއެވެ. އަދި ކޮމްޕިއުޓަރުގައި ރައްކާކޮށްފައިވާ ހުރިހާ އެއްޗެއް ބޭނުންނުކުރެވޭ ގޮތަށް އެންކްރިޕްޓްކޮށްލައެވެ. ނުވަތަ ކޮމްޕިއުޓަރުން ނުހުޅުވޭގޮތަށް އަދި އެހެން އެއްޗަކަށް ބަދަލުވެސް ނުކުރެވޭގޮތް ހަދައެވެ.

img:http://s2.psmnews.mv/images/660x400/14947589362724.jpg|ކޮމްޕިއުޓަރު ހެކްކުރުމަށްފަހު ފެންނަން އިންނަ މެސެޖު

ސައިބަރ ޙަމަލާ އައުމުން ދެން ވަނީ ކިހިނެތް؟

ހެކަރުން ބޭނުންކުރާ ޕްރޮގްރާމްތައް މެދުވެރިކޮށް އެމީހުން ބޭނުންވާ ކޮމްޕިއުޓަރުތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، ކޮމްޕިއުޓަރުތަކުގެ ވެރިފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް މަސައްކަތްކުރެއެވެ. އަދި އެދޭ ޢަދަދަށް އަދި ބުނާ ގޮތަކަށް ފައިސާ ނުދީފިނަމަ، ކޮމްޕިއުޓަރުގައި ރައްކާކޮށްފައިވާ އެއްވެސް އެއްޗެއް އަނބުރާ ނުލިބޭނެކަމުގެ އިންޒާރު ހެކަރުން ދެއެވެ. ދެ ގޮތަކަށް މިމެސެޖު ދެއެވެ. އެއް ގޮތަކީ ހެކަރުން މުޅި ކޮމްޕިއުޓަރު ލޮކްކުރުމަށްފަހު އެމީހުން ބޭނުންވާ މެސެޖު އެކަނި ފެންނަ ގޮތަށް ހެދުމެވެ. ދެވަނަ ގޮތަކީ ކޮމްޕިއުޓަރު ބޭނުންކުރަން އުނދަގޫވާ ވަރަށް ކުދިކުދި މެސެޖުތައް އަރުވަމުން ގެންދިއުމެވެ. ހެކަރުން ބިރުދައްކައިގެން އަދި ގެއްލުންދީގެން ފައިސާ އަތުލަނީ "ބިޓް ކޮއިން" މެދުވެރިކޮށެވެ. މިއީ އިންޓަރނެޓް މެދުވެރިކޮށް ތަކެތި ގަތުމަށް ބޭނުންކުރާ "ނުފެންނަ" ފައިސާއެކެވެ. ނުވަތަ އެ ފައިސާއެއް ޖަމާކުރެވޭ އެކަންޓެއް އަދި ޢަދަދެއްވެސް ހޯދަން ދަތި ވަޞީލެތެކެވެ. އެހެންކަމުން މިފައިސާ ދަނީ ކޮން ދިމާލަކަށް، ކާކަށް، ކިހިނެތް ކަމެއް ނޭނގޭއެވެ.

img:http://s2.psmnews.mv/images/660x400/14947590505149.jpg|

ކޮން ބަޔަކަށް ޙަމަލާ ދިނީ؟

ޙަމަލާ އަމާޒުވި ފަރާތްތަކުގެ ތެރޭގައި އޭޝިޔާގެ 8 ޤައުމަކާއި ޔޫރަޕްގެ 10 ވަރަކަށް ޤައުމާއި ތުރުކީ، ޔޫއޭއީ، އާޖެންޓީނާ ހިމެނެއެވެ. އޭޝިޔާގެ ބައެއް ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ޔުނިވަރސިޓީތަކާއި އެހެނިހެން ބައެއް މުއައްސަސާތަކަށްވެސް އަސަރުކުރިއެވެ. މިގޮތުން ޗައިނާ، ވިއެޓްނާމް، ދެކުނު ކޮރެޔާއިން ވަނީ އެޤައުމުތަކުގެ ބައެއް ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް މިޙަމަލާ އަމާޒުވެ، ގެއްލުންތަކެއް ކުރިމަތިވިކަން ހާމަކޮށްފައެވެ.

ޕޯސްޓުގެ ދާއިރާގައި މަޝްހޫރު ފެޑެކްސް ކުންފުންޏަށް ޙަމަލާގެ އަސަރުކޮށްފައިވާއިރު، ރަޝިޔާގެ އިންޓީރިއާ މިނިސްޓްރީގެ ކޮމްޕިއުޓަރުތަކަށްވެސް މިޙަމަލާ އަމާޒުވިއެވެ. އިނގިރޭސިވިލާތުގެ ޞިއްޙީ ޚިދުމަތްދޭ 16 މުއައްސަސާއަކަށް ސައިބަރ ޚަމަލާ އަމާޒުވިއިރު، ބައެއް ހޮސްޕިޓަލްތަކުން ވަނީ އެޕޮއިންޓްމަންޓްތަކާއި ބައެއް ސަރޖަރީތައްވެސް ކެންސަލްކޮށްލަން ޖެހިފައެވެ. މިޙަމަލާ އަމާޒުވި ސްޕެއިންގެ އެންމެ ބޮޑު ކުންފުންޏަކީ ޓެލެކޮމިއުނިކޭޝަން ކުންފުނި ޓެލެފޮނިކާއެވެ.

img:http://s1.psmnews.mv/images/660x400/14947589741109.JPG|ސައިބަރ ޙަމަލާގެ އަސަރުކުރި ޤައުމުތައް ފެންނަ ޗާޓެއް

މިޙަމަލާއިން ސަލާމަތް ވާނީ ކިހިނެތް؟

ގިނަ ކޮމްޕިއުޓަރުތައް އޮޕަރޭޓްކުރާ ވިންޑޯޒްގެ ބެލެނިވެރިޔާ މައިކްރޯސޮފްޓް ކުންފުނިން ވަނީ މާޗުމަހު މިފަދަ ޙަމަލާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ޚާއްޞަ "ޕެޗް" އެއް ތަޢާރަފްކޮށްފައެވެ. މި ޕެޗަކީ މިފަދަ ޙަމަލާއަކުން ކޮމްޕިއުޓަރު އޮޓެމެޓިކުން ރައްކާތެރިކުރުމުގެ ޤާބިލްކަން ލިބިފައިވާ ޕެޗެކެވެ. ނަމަވެސް ޙަމަލާ އަމާޒުވި ގިނަ ކޮމްޕިއުޓަރުތަކަކީ ކުރީގެ ވިންޑޯޒް ބޭނުންކުރަމުންދިޔަ ކޮމްޕިއުޓަރުތަކަކަށް ވުމުން، ފަހުގެ އަޕްޑޭޓްތައް އެފަދަ ކޮމްޕިއުޓަރުތަކަށް އަންނަން ދުވަސް ނަގައެވެ. އެހެންކަމުން ހުކުރުދުވަހު މައިކްރޯސޮފްޓް ކުންފުނިން ވަނީ ވިންޑޯޒްގެ ކުރީގެ މޮޑެލްތައް ބޭނުންކުރާ ސިސްޓަމްތަކަށް ބޭނުންވާ ޕެޗް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

img:http://s2.psmnews.mv/images/660x400/14947590274516.jpg|އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީ / ސައިބަރ ޙަމަލާދިނުމަށް ބޭނުންކުރި "ޓޫލް" އަކީ މިތަނުން ތަރައްޤީކޮށްފައިވާ އެއްޗެއް

ޙަމަލާ ދިނީ އެމެރިކާގެ އުފެއްދުމެއް ބޭނުންކޮށްގެން؟!

މިޙަމަލާއަށް ޒިންމާވަނީ ކޮން ބައެއްކަން ނޭނގުނު ނަމަވެސް، ޔަޤީންވާ ކަމަކީ މި ބޮޑު ސައިބަރ ޙަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ އެމެރިކާގެ އުފެއްދުމެއްކަމަށެވެ. ހެކަރުން ސައިބަރ ޙަމަލާދިނުމަށް ބޭނުންކޮށްފައިވަނީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޖެންސީގައި ތަރައްޤީކޮށްފައިވާ "އެޓާނަލްބުލޫ" ކިޔާ ހެކްކުރަން ބޭނުންކުރާ ޓޫލް ނުވަތަ ސޮފްޓްވެއާއެކެވެ. ހެކަރުންގެ ގުރޫޕަކުން މިސޮފްޓްވެއާ ވަގަށް ނަގާފައިވަނީ އޭޕްރީލްމަހުގެ ތެރޭގައެވެ. ފުރަތަމަ ނީލަންކިޔަން އުޅުނުނަމަވެސް، ފަހުން އެމީހުން ވަނީ އެތަކެތި އިންޓަރނެޓުން ހިލޭ ލިބޭ ގޮތް ހަދާފައެވެ. ޖެހިގެން އައި މަހު އެއިން ސަލާމަތްވާނެ "ޕެޗު" މައިކްރޯސޮފްޓުން ނެރުނުނަމަވެސް، ގިނަ ބަޔަކު އެކަމަށް ހޭލުންތެރިވެފައި ނުވާތީ ސައިބަރ ޙަމާލާއެއް ދީގެން، ގެއްލުންތަކެއް ލިބިގެން ދިޔައީއެވެ.