ޓެކްނޮލޮޖީ

ބޮޑެތި ބަދަލުތަކަކާއެކު ނޮކިއާ 3310 އަލުން ވިއްކަން ފަށަނީ


ބޮޑެތި ބަދަލުތަކަކާއެކު ނޮކިއާއިން އަލުން ތަޢާރަފްކުރި ނޮކިއާ 3310 ފޯނު ވިއްކަން ތައްޔާރުވެއްޖެއެވެ.

ޓެކްނޮލޮޖީ ޙަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނާގޮތުން އިތުރު ފުރިހަމަކަމަކާއެކު ތަޢާރަފްކުރާ ނޮކިއާ 3310ގެ ފޯނު މިމަހުގެ 24 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ވިއްކަން ފަށާނެއެވެ. އަދި އެއަށްފަހު އޮސްޓްރޭލިއާ އަދި އެމެރިކާގައި ވިއްކަން ފަަށާނެއެވެ. އިނގިރޭސިވިލާތުގައި މިފޯނު 50 ޕައުންޑަށް ވިއްކާއިރު، އެމެރިކާ އަދި އޮސްޓްރޭލިއާގައި ވިއްކާ އަގުތަކެއް ކަނޑައެއްނާޅައެވެ. މިމަހު ނޮކިއާ 3310 ވިއްކަން ފަށާއިރު، މިފޯނު ލޯންޗުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.

2000 ވަނަ އަހަރު ނެރުނު ނޮކިއާ 3310 ފަދައިން، މިއަހަރު ނެރޭ ނޮކިއާ 3310 އަކީ ޓެކްނޮލޮޖީގެ ގޮތުން މާމޮޅު ފޯނެއް ނޫނެވެ. ނަމަވެސް ކުރީގެ ފޯނާ ޚިލާފަށް ކަޅާއި ހުދުގެ ޑިސްޕްލޭގެ ބަދަލުގައި މިފަހަރުގެ ފޯނުގައި ކުލަ ޑިސްޕްލޭއެއް ހުންނާނެއެވެ. 2000 ވަނަ އަހަރު ނެރުނު ފޯނުތަކުގައި ހަމައެކަނި އަޅި ކުލައާއި ނޫކުލަ ހުއްޓަސް، މިފަހަރުގެ ފޯނުތައް ރީތި 4 ކުލައެއްގައި ލިބޭނެއެވެ.

img:http://s3.psmnews.mv/images/660x400/14945107988624.jpg|ނޮކިއާއިން ވިއްކަން ފަށާ 3310 ފޯނު / މިފޯނު 4 ކުލައެއްގައި ލިބެން ހުންނާނެ

ފޯނުގެ ބައެއް ސިފަތަކަށް ބަލާލާއިރު، ގިނަ އިރު ޗާޖު ހުންނަ ފޯނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކުރީގެ މޮޑެލްގައި 90 މިލިއެމްޕަޔަރުގެ ބެޓަރިއެއް ހުންނައިރު، އަލަށް ނެރޭ ފޯނުގައި 1200 މިލިއެޕްޕަޔަރުގެ ބެޓަރިއެއް ހުންނާނެއެވެ. އެހެންކަމުން ކުރީގެ ފޯނަށްވުރެ ގިނައިރު މިފޯނުގައި ޗާޖު ހުންނާނެއެވެ. ކުރީގެ މޮޑެލްގައި ފޮޓޯ ނަގާނެ ކެމެރާއެއް ނެތްއިރު، މިފަހަރު ނެރޭ ފޯނުގައި ފްލޭޝްއާއެކު ފޮޓޯ ނެގުމަށް 2 މެގަޕިކްސެލްގެ ކެމަރާއެއް ހުންނާނެއެވެ.  

ސައިބޯންޏެއްގެ ޑިޒައިނަށް އޮންނަ މިފޯނު ކުރީގެ މޮޑެލްއަށް ވުރެ ސައިޒުގެ ގޮތުން ތަންކޮޅެއް ކުޑަވާނެއެވެ. ކުރީގެ ފޯނަށް މެމޮރީ ކާޑެއް ނުލެއްވޭއިރު، މިފަހަރު ނެރޭ ނޮކިއާ ފޯނުގައި 32 ޖީބީއާ ހަމައަށް މެމޮރީ ކާޑު ބޭނުންކުރެވޭނެއެވެ. 1.5 އިންޗީގެ ކަޅާއި ހުދުގެ ސްކްރީން ވަނީ 2.4 އިންޗީގެ ކުލަ ޑިސްޕްލޭއަކަށް ބަދަލުކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/14945107700955.jpg|ނޮކިއާއިން ވިއްކަން ފަށާ 3310 ފޯނު / އަލަށް ނެރޭ ފޯނުގައި ކުރީގެ ފޯނަށްވުރެ ގިނަ ޕީޗާސްތައް ހިމެނޭނެ

ފޯނުގެ ކުލަތަކަށް ބަލާއިރު، ރަތް، ރީނދޫ، ނޫ އަދި އަޅި ކުލަ ލިބޭނެއެވެ. މިފޯނުން އިންޓަނެޓް ބޭނުންކުރެވުނަސް، ސްމާޓްފޯނުތަކުގައި ކުރާވަރުގެ މަސައްކަތްތަކެއް ނުކުރެވޭނެއެވެ. އެހެންކަމުން ފޭސްބުކާއި ވައިބަރ ފަދަ އެޕްލިކޭޝަންތަކެއް މިފޯނުގައި މަސައްކަތެއް ނުކުރާނެއެވެ. ނަމަވެސް ހުސް ވަގުތު ހޭދަކޮށްލުމަށް ނޯކިއާ ފޯނުތަކުގައި ޢާއްމުކޮށް ހުންނަ ސްނޭކް ނުވަތަ ހަރުފަ ގޭމް މިފޯނުގައި ކުޅެވޭނެއެވެ. އިތުރަށް ތަރައްޤީކޮށް ފުރިހަމަކޮށްފައިވާ މިގޭމްއާއެކު ޗެޓް ނުކުރެވުމުން ކުރެވޭ ފޫހި އިހްސާސްތައް ދިއުމަށް އެހީތެރިވެދޭނެއެވެ.

ނޮކިއާ 3310 ވިއްކަން ތައްޔާރުވާއިރު، ތަޖުރިބާކާރުން ބުނަނީ މިފޯނުގެ ވިޔަފާރި އެހާ ރަނގަޅު ނުވެދާނެކަމަށެވެ. އެއީ ހަމައެކަނި ފޯނުކޮށްލާ މެސެޖްކޮށްލެވޭ ފޯނެއް ގަންނަން ބޭނުންވާ ފަރާތްތައް މަދުކަމުންންނެވެ.

img:http://s3.psmnews.mv/images/660x400/14945108943495.jpg|ނޮކިއާއިން ވިއްކަން ފަށާ 3310 ފޯނު / މިފޯނުގައި ކެމެރާއެއްވެސް ހިމެނޭނެ

ނޮކިއާ 3310 އަކީ އާދައިގެ ފޯނެއް ނަމަވެސް ނޮކިއާއިން ވަނީ ޒަމާނާ އެއްގޮތްވާ ގޮތަށް ސްމާޓް ފޯނުތަކެއްވެސް ލޯންޗުކޮށްފައެވެ. އެގޮތުން ނޮކިއާ އިން ނެރުމަށް ތައްޔާރުވަމުންދާ ނޮކިއާ 6 އަކީ އެންޑްރޮއިޑް ފޯނެކެވެ. އަދި ނޮކިއާ 3 އަދި ނޮކިއާ 5 އަކީ މިޑްރޭންޖް އެންޑްރޮއިޑް ފޯނުތަކެކެވެ. ނަމަވެސް މިފޯނުތައް ވިއްކަން ފަށާފައެއް ނުވެއެވެ. މޮބައިލް ފޯނުގެ މާކެޓުގެ ކުރީގައި އުޅުމަށްފަހު ނޮކިއާގެ އަޑު މާބޮޑަށް ނީވި އޮތުމަށްފަހު، އަނެއްކާވެސް ނޮކިއާއިން ދަނީ ފޯނުގެ މާކެޓްތެރެއަށް ވަންނަމުންނެވެ.