ޚަބަރު

އިންޑިޔާއިން އަވައްޓެރި ޤައުމުތަކަށް ދޭ އިސްކަން ހާމަވެއްޖެ


ސައުތު އޭޝިއަން ސެޓެލައިޓަކީ އިންޑިޔާގެ އަވައްޓެރި ޤައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ލާމަސީލު މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، އިންޑިޔާ ސަރުކާރުން ސާކް ޤައުމުތަކަށް ހަދިޔާކުރި ޖިއޯ ސްޓޭޝަނަރީ ކޮމިއުނިކޭޓިވް ސެޓަލައިޓް ދުނިޔޭގެ އޯބިޓަށް އުދުއްސާލުމަށްފަހު، ސާކްގެ މެމްބަރު ބައެއް ޤައުމުތަކުގެ ވެރިން، ލައިވް ކޮންފަރަންސްކޮށް ބޭއްވި ބައްދަލުވުމުގައެވެ.

އިންޑިޔަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން، އިސްރޯއިން ތައްޔާރުކުރި ސައުތު އޭޝިޔާ ސެޓަލައިޓް އުދުއްސާލާފައިވަނީ މިއަދު ހަވީރު ފަސްގަޑި ސުންމިނެޓުގައެވެ. ކާމިޔާބުކަމާއެކު ސެޓެލައިޓް އުދުއްސާލުމަށްފަހު ސާކްގެ 7 ޤައުމެއްގެ ވެރިން ވަނީ، ލައިވް ކޮންފަރަންސެއްގައި ބައިވެރިވެވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިޔާ ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އިތުރުން އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ އާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ އާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އާއި، ބޫޓާންގެ ބޮޑުވަޒީރު ޝަރރިންގް ޓޮބްގޭ އާއި ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމަލް ދަހާލް އާއި ސްރީލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮންފަރަންސްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ސެޓެލައިޓަކީ އިންޑިޔާއިން އަވައްޓެރި ޤައުމުތަކަށްދޭ އަހައްމިއްޔަތުގެ ނަމޫނާ މިސާލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/2130.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވަނީ - (ފައިލް ފޮޓޯ: ރައީސް އޮފީސް)

ކާމިޔާބުކަމާއެކު ސެޓެލައިޓް އުދުއްސާލެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވީ، މި ކުރިއެރުމާއެކު، ސާކް ޤައުތަކުގެ ގުޅުން ތަރައްޤީގެ އިތުރު އުސްމިނަކަށް ގެންދެވިފައިވާ ކަމަށެވެ. މި މަޝްރޫޢަށްޓަކައި ސަރަޙައްދީ ޤައުމުތަކުން ދެއްކި އެއްބައިވަންތަކަމުން، ދެކުނު އޭޝިޔާއަށް ތަރައްޤީގެ އެންމެ ކުރީ ސަފުގައި ފައިހަމަކޮށްލެވިދާނެކަން ފެނިވަޑައިގަންނަވާ ކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މޯދީ ވަނީ، ސާކް ލީޑަރުންގެ އެންމެ މުހިއްމު ޒިންމާއަކަށް ވާންވާނީ، މި ސަރަޙައްދުގައި ސުލްޙަ ޤާއިމްކުރުމަށްޓަކައި މަޢުލޫމާތު ހިއްސާކޮށް ގުޅުން ބަދަހިކުރުން ކަމުގައި ކަން ހަނދާންކޮށްދެއްވާފައެވެ.

ކޮންފަރަންސްގައި ވާހަކަދައްކަވަމުން އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވީ، މި ސެޓެލައިޓް ވެގެންދާނީ، ބަހާއި ޢަމަލާ ގުޅުވައިދޭ ފާލަމަކަށް ކަމަށެވެ. އަދި މިޝަންގެ ސަބަބުން، ކުރިއެރުމާއި ތަރައްޤީ އާއި ސުލްޙަމަސަލަސްކަން ޤާއިމްކުރުމަށް، ސާކްގެ ވަކި ވަކި ޤައުމުތަކުން ކުރަމުން އައި މަސައްކަތް ޖަމާކުރެވި، އެކުއެކީގައި މަސައްކަތްކުރެވޭނެ ކަމަށް އަފްޣާނިސްތާނުގެ ރައީސް ވިދާޅުވިއެވެ. އަދި ބޫޓާންގެ ބޮޑުވަޒީރު ޝަރރިންގް ޓޮބްގޭ ވަނީ ދުނިޔޭގެ އިޤްތިޞާދު ސެޓެލައިޓް މުވާސަލާތައް ބަރޯސާވާ ދަނޑިވަޅެއްގައި މިފަދަ ސެޓެލައިޓެއްގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ކޮންފަރަންސްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ލީޑަރުންވެސް ވަނީ، އިންޑިޔާގެ ބޮޑު ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ސާކް ސެޓެލައިޓެއް ތަރައްޤީކުރުމަށް އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަނަށް އިރުޝާދުދެއްވާފައިވަނީ، 2014 ވަނަ އަހަރުގެ ސާކް ސަމިޓަށްފަހުގައެވެ. އެ އަހަރު ބޭއްވި 18 ވަނަ ސާކް ސަމިޓްގައި ބޮޑުވަޒީރު މޯދީ ވަނީ، އިންޑިޔާގެ އަވަށްޓެރި ޤައުމުތަކަށް ސެޓެލައިޓެއް ހަދިޔާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.  

މުވާސަލާތީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ އެސް.އޭ.އެސް މިޝަންގައި، ޕާކިސްތާނު ފިޔަވައި، ސާކުގެ ހުރިހާ ޤައުމުތަކުން ބައިވެރިވެއެވެ. މި މިޝަންގައި ބައިވެރިވާ ކޮންމެ ޤައުމަކަށްވެސް ސެޓެލައިޓްގެ އެއް ޓްރާންސްޕޮންޑަރ ޚާއްޞަކުރުމުގެ އިތުރުން، ހުރިހާ ޤައުމުތަކެއް ބައިވެރިވާ ސައުތު އޭޝިޔަން ޕްރޮގްރާމިންވެސް، މި ސެޓެލައިޓު މެދުވެރިކޮށް، މެމްބަރު ޤައުމުތަކަށް ލިބޭނެކަމަށް މަޢުލޫމާތު ލިބެއެވެ.