ޚަބަރު

ސަޢޫދީން އަގުހެޔޮކޮށް ތެޔޮހޯދުމަށް އެއްބަސްވުމެއްގައި ސޮއިކުރަނީ


ރާއްޖެއަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގުފަހި ކުރެއްވުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާއާއެކު އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ މާލޭގެ ސިނާޢީ ސަރަޙައްދުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ ޒަމާނުއްސުރެ ރާއްޖެއާ ގާތްގުޅުމެއް އޮންނަ ޤައުމެކެވެ. ސަޢޫދީ ޢަރަބިޔާއިން، ރާއްޖޭގެ ތަރައްޤީއާ އެހެނިހެން ދާއިރާތަކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދުގެ ސަރުކާރާ ސަޢޫދީ ސަރުކާރާ އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް، ޕީޕީއެމްއިން އިންޑަސްޓްރިއަލް ވިލެޖްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ. ދިވެހި ސަރުކާރަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށް ދިނުމަށް ސަޢޫދީ ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި، އެކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު މިހާރު ހުންނެވީ ސަޢޫދީ ޢަރަބިއްޔާގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ސަޢޫދީ ސަރުކާރުން ރާއްޖެއަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދޭން ފެށުމުން، ތެލުން އުފައްދާ ތަފާތު އެކި ބާވަތްތަކުން އަގުހެޔޮވެގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދަވައި ދިނުމަށާއި ޒުވާނުންނަށް ދަތިވާ ކަންކަން ފުއްދަވައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ސަރުކާރުން ނަންގަވާފައިވާ 1.2 ބިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަވާނެ ކަމުގެ ޔަޤީންކަން ދެއްވަވާފައެވެ.

އެއަރޕޯޓު ތަރައްޤީ ކުރަނީ ހަމައެކަނި އެއީ ރީތި އެއަރޕޯޓަކަށް ހެދުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ އިޤްތިޞާދީ ފުރުޞަތުތަކެއް ހޯއްދަވައި ދިނުމަށް ކުރާ މަސައްކަތެއް ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.