ޓެކްނޮލޮޖީ

ޑްރައިވަރަކާއި ނުލާ ދުއްވާ ކާރެއް ސެމްސަންގުން ޓެސްޓްކުރަނީ


ޑްރައިވަރަކާ ނުލާ އަމިއްލައަށް ދުއްވާ ކާރެއް ދެކުނު ކޮރެޔާގައި ޓެސްޓްކުރުމުގެ ހުއްދަ، ދުނިޔޭގެ މަޝްހޫރު އިލެކްޓްރޯނިކްސް ކުންފުނި ސެމްސަންގަށް ދީފިއެވެ.

މިއީ ޑްރައިވަރަކާއި ނުލާ އަމިއްލައަށް ދުއްވާ ކާރެއް ޓެސްޓްކުރުމުގެ ހުއްދަ ކޮރެޔާ ސަރުކާރުން އިލެކްޓްރޯނިކްސް އުފައްދާ ކުންފުންޏަކަށް ދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކާރު އުފައްދާ ކުންފުނިތަކެއް ކަމަށްވާ، ކިއާ އަދި ހަޔުންޑައި ކުންފުންޏަށް ވަނީ ޑްރައިވަރަކާއި ނުލާ ދުއްވާ ކާރުތައް ކޮރެޔާގައި ޓެސްޓްކުރުމުގެ ހުއްދަ ދީފައެވެ. ސެމްސަންގުން ކުރުމަށް ހަމަޖެހިފައިވާ ޓެސްޓުތަކުގައި ސެންސަރާއި ކެމެރާތައް ހަރުކޮށްފައިވާ ކާރެއް ބޭނުންކުރާއިރު މޫސުން ގޯސްވުމުންނާއި ކުރިމަތިން އެއްޗެއް އައުމުން ކާރު މަސައްކަތްކުރާނެ ގޮތްތައް މިޓެސްޓުގައި ދިރާސާކުރާނެއެވެ. އަދި މިކަމަށް ބޭނުންކުރާނީ ހައިޔުންޑައި ބްރޭންޑުގެ ކާރެއްކަމަށް ޚަބަރުތައް ބުނެއެވެ.

ޑްރައިވަރަކާއި ނުލާ ދުއްވާ ކާރެއް ނުވަތަ އެފަދަ ޓެކްނޮލޮޖީއެއް ތަރައްޤީކުރުމުގެ މަސައްކަތް ސެމްސަންގުން ކުރަމުންދަތާ މިހާރު އަހަރުތަކެއްވެއްޖެއެވެ. 2015 ވަނަ އަހަރު އެކުންފުނިން މިކަމަށް ޚާއްސަ ޔުނިޓެއް ޤާއިމްކުރިއެވެ. އަދި ޑްރައިވަރަކާއި ނުލާ ދުއްވާ ކާރެއް ތަރައްޤީކުރުމަށް ބޭނުންވާ ސޮފްޓްވެއާތަކާއި އެހެނިހެން ޓެކްނޮލޮޖީތަކަށް އެކުންފުނިން ދަނީ ޚަރަދުކުރަމުންނެވެ. 

img:http://s2.psmnews.mv/images/660x400/14937278469573.jpg|ސެމްސަންގުން ދަނީ ޑްރައިވަރަކާއި ނުލާ ދުއްވާ ކާރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން

ނަމަވެސް ޙަބަރުތައް ބުނާގޮތުން އެކުންފުނީގެ އަމާޒަކީ އަމިއްލައަށް އެފަދަ ކާރެއް ތަރައްޤީކުރުމުގެ ބަދަލުގައި އެފަދަ ކާރަކަށް ބޭނުންވާ ޓެކްނޮލޮޖީ ތަރައްޤީކޮށްގެން، ކާރު އުފައްދާ ކުންފުނިތަކަށް ވިއްކުމެވެ. 

ޑްރައިވަރަކާއި ނުލާ ދުއްވާ ތަރައްޤީކުރުމުގެ މަސައްކަތް ސެމްސަންގުން ކުރަމުންދާއިރު، ބޮޑެތި ޓެކް ކުންފުނިތަކުންވެސް ދަނީ މިމަސައްކަތް ކުރަމުންނެވެ. މިގޮތުން ގޫގުލް އަދި އެޕަލްއިންވެސް ދަނީ މިމަސައްކަތްކުރަމުންނެވެ. އެމެރިކާގެ ކެލިފޯނިއާގައި ކާރު ޓެސްޓްކުރުމުގެ ހުއްދަ އެޕަލްއަށްވެސް ވަނީ ދީފައެވެ. މީގެ އިތުރުން ޖެނަރަލް މޮޓޯސްއާއި ފޯޑް ފަދަ ކާރު އުފައްދާ ކުންފުނިތަކުންވެސް ދަނީ މިފަދަ ކާރެއް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. 

ދިރާސާކުރާ ފަރާތްތަކުން ބުނަނީ އިލެކްޓްރޯނިކްސް އުފައްދާ ޓެކް ކުންފުނިތަކަށް ޑްރައިވަރަކާއި ނުލާ ދުއްވާ ކާރު ވެގެންދާނީ، ގިނަ ފުރުސަތުތަކެއް ހުރި ބޮޑު ފޯނެއް ތަރައްޤީކުރުން ފަދަ މަސައްކަތަކަށެވެ.