ޓެކްނޮލޮޖީ

އެންމެ ގިނައިން ސޯޝަލް މީޑިއާތައް ބޭނުންކުރާ ލިސްޓުގައި ރާއްޖެ


އާބާދީގެ ނިސްބަތުން އެންމެ ގިނައިން ފޭސްބުކް އަދި ޓްވިޓަރ ފަދަ ސޯޝަލް މީޑިއާތައް ބޭނުންކުރާ ޤައުމުތަކުގެ ލިސްޓުގެ 5 ވަނާގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ޑިޖިޓަލް އިން 2017 ގްލޯބަލް އޯވަރވިއު ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އާބާދީގެ 83 އިންސައްތަ މީހުން ސޯޝަލް މީޑިއާތައް ބޭނުންކުރެއެވެ. މިލިސްޓުގެ ގަދަ 5 ގައި ރާއްޖެ ހިމެނޭއިރު، މިލިސްޓުގެ އެއްވަނަގައި އޮތީ ޤަތަރެވެ. ދެވަނައިގައި ޔޫއޭއީ އަދި 3 ވަނަގައި އޮތީ ބުރުނާއީއެވެ.  

އާބާދީގެ ނިސްބަތުން އެންމެ މަދުން ސޯޝަލް މީޑިއާތައް ބޭނުންކުރާ ޤައުމުތަކުގެ ތެރޭގައި ކޮންގޯ، އުޒްބަކިސްތާނު، ސެންޓްރަލް އެފްރިކަން ރިބަކްލިކް އަދި ސޫދާން ފަދަ ޤައުމުތައް ހިމެނެއެވެ. މިޤައުމުތަކުގައި ސޯޝަލް މީޑިއާތައް ބޭނުންކުރާ ނިސްބަތް އުޅެނީ އެކެއް އިންސައްތަ އާއި ތިނެއް އިންސައްތައާ ދެމެދުއެވެ.

img:http://s2.psmnews.mv/images/660x400/14856117282964.jpg|

ގްލޯބަލް އޯވަރވިއު ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އާބާދީގެ 2.78 ބިލިއަން މީހުން ސޯޝަލް މީޑިއާތަކުގައި ހަރަކާތްތެރިވެއެވެ. މިއީ ގާތްގަނޑަކަށް ދުނިޔޭގެ އާބާދީގެ 37 އިންސައްތައެވެ. މީގެ ތެރެއިން 34 އިންސައްތަ ނުވަތަ 2.54 ބިލިއަން މީހުން ސޯޝަލް މީޑިއާތައް ބޭނުންކުރަނީ ފޯނުގެ ޒަރިއްޔާއިންނެވެ.

މިރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އާބާދީގެ ތިންބައި ކުޅަ ދެބައި މީހުން މޮބައިލް ފޯނު ބޭނުންކުރެއެވެ. އަދި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މިހާރު ސްމާޓް ފޯނު ގެންގުޅެއެވެ.

ދުނިޔޭގެ އާބާދީގެ 3.77 ބިލިއަން މީހުން ނުވަތަ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އިންޓަރނެޓް ބޭނުންކުރާއިރު، މީގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުން އިންޓަނެޓް ބޭނުންކުރަނީ ފޯނުގެ ޒަރިއްޔާއިންނެވެ. މިރިޕޯޓުގައިވާގޮތުން ދުނިޔޭގެ އާބާދީގެ ކޮންމެ 5 މީހުންގެ ތެރެއިން އެކަކު ކޮންމެ މަހަކު މަދުވެގެން އެއްފަހަރު އޮންލައިންކޮށް ވިޔަފާރިކުރެއެވެ.