ޚަބަރު

އިންސާނީ ވަގުފާރި ހުއްޓުވުމާގުޅޭ މަސައްކަތު ބައްދަލުވުމެއް


ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ ފަރާތުން އިންސާނީ ވަގުފާރި ހުއްޓުވުމާގުޅޭ މަސައްކަތު ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. 

އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުންގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބައިވެރިވި މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ވަނީ އިންސާނީ ވަގުފާރިއާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކާ ގުޅޭ މަޢުލޫމާތު ދެއްވާފައެވެ. އަދި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަންނާނެ ގޮތްތަކާއި، އެފަދަ ފަރާތްކާމެދު ޢަމަލުކުރާނެ ގޮތާބެހޭ މައުލޫމާތު މިމަސައްކަތު ބައްދަލުވުމުގައި ދީފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި އިންސާނީ ވަގުފާރި ހުއްޓުވުމަށް ހުރި ގޮންޖެހުންތަކާއި، މުއައްސަސާތައް ގުޅިގެން އެ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ގުޅޭ މައުލޫމާތު ވަނީ ދެއްވާފައެވެ. 

ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އަކީ ޚަރިޖީ ދާއިރާއާ ގުޅުންހުރި އެކި ދިރާސާތައް ކުރުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގެވުމަށް ފޮރިން މިނިސްޓްރީގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ޤާއިމުކުރައްވާފައިވާ މުއައްސަސާއެކެވެ.