ޣައްޒާގައި ޔަހޫދީ އިސްތިއުމާރީ ބާރުތަކުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާއްމަށް 3 އަހަރު ފުރިގެންދިޔައިރު، އެ ސަހަރުގެ އާބާދީގެ ކޮންމެ 30 މީހަކުން އެކަކު ވަނީ ޝަހީދުކޮށްލާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އަލްޤައްސާމް ބްރިގޭޑްސް އަދި ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުން ޔަހޫދީންގެ އިސްތިޢުމާރުކޮއްފައިވާ ދެކުނު ސަރަޙައްދުތަކަށް ދިން ކުއްލި ޙަމަލާތަކާ ގުޅިގެން ޔަހޫދީ ބާރުތަކުން ޣައްޒާއާ ދެކޮޅަށް ފެށި ރަޙުމުކުޑަ ޤަތުލުޢާއްމަށް މިއަދު 3 އަހަރު ފުރިއްޖެއެވެ. 16 އަހަރު ދުވަހުގެ ދިގު އިސްތިޢުމާރު އިތުރަށް ވަރުގަދަކޮށް، ޔަހޫދީން ދެމުންގެންދާ ނުރައްކާތެރި ޙަމަލާތަކުގައި ޣައްޒާގެ އިންސާނީ އަދި އުމްރާނީ ހުރިހާ ވަސީލަތްތަކެއް ވަނީ ބިމާ ހަމަކޮށްފައެވެ.
މި ޢުދުވާނުގައި މިހާތަނަށް ފަލަސްޠީނުގެ 74,000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 21,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މިއީ ހަނގުރާމައިގެ ކުރިން ޣައްޒާގެ މުޅި އާބާދީގެ 3 އިންސައްތައެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހަސްފަތާލުތަކަށް ގެނެވޭ ހަށިގަނޑުތައް އެކަނި ރަސްމީކޮށް ރަޖިސްޓްރީކުރާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ ހާހަކަށްވުރެ ގިނަ މީހުންނާއެކު، ޙަޤީޤީ ޢަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެއެވެ. މީގެ އިތުރުން 175,000 އަށްވުރެ ގިނަ މީހުން (ކޮންމެ 13 މީހަކުން އެކަކު) ޒަޚަމްވެފައިވާއިރު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހާމަކުރާ ގޮތުގައި މީގެ ތެރެއިން 24 އިންސައްތަ މީހުންނަކީ ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކެވެ.
ނަމެއްގައި ކުރީ އަހަރުގެ އޮކްޓޫބަރު 10 ވަނަ ދުވަހު "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް" އިޢުލާނުކުރި ނަމަވެސް، ޔަހޫދީން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ އެއްބަސްވުމާ ޚިލާފުވެ ޣައްޒާއަށް ބޮންއަޅަމުންނެވެ. އެކިއެކި ތަޙްލީލުތަކުން ދައްކާ ގޮތުގައި، ފާއިތުވި 361 ދުވަހުގެ ތެރެއިން 325 ދުވަހު ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފަށް ޙަމަލާދީފައެވެ. އެ އެއްބަސްވުމަށްފަހު އެކަނިވެސް 1,460 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 5,116 މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އެމެރިކާއިން އެއްބަސްވުން ދެމިއޮތް ކަމަށް ދަޢުވާކުރި ނަމަވެސް، ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުމެއްނެތި ކޮންމެ ދުވަހަކު ކުރިއަށްދެއެވެ.
ޣައްޒާގެ ޞިއްޙީ މަރުކަޒުތަކާއި ހަސްފަތާލުތަކުގެ 94 އިންސައްތަ ވަނީ ބޭނުންނުކުރެވޭ ވަރަށް ސުންނާފަތިކޮށްލާފައެވެ. އދ. ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާގައި ހުރި 666 ޞިއްޙީ މަރުކަޒުގެ ތެރެއިން މިހާރު ޚިދުމަތް ދެވެނީ އެންމެ 42 ތަނުންނެވެ. ޖެނީވާ މުޢާހަދާއާއި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) ގެ ރޯމް ސްޓެޓިއުޓާ ކަނޑައެޅިގެން ޚިލާފަށް، ހަސްފަތާލުތަކަށް އަމާޒުކޮށް ޔަހޫދީން ދެމުންގެންދާ މި ޙަމަލާތަކަކީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެކެވެ.
އދ. ގެ ތަޙްޤީޤީ ކޮމިޝަނަކުން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޔަހޫދީ ސިފައިން ދަނީ ދުވާލަކު އެވްރެޖުކޮށް މަދުވެގެން 20 ކުޑަކުދިން ޝަހީދުކުރަމުންނެވެ. ކުޑަކުދިންނަށް އަމާޒުކޮށް ސްނައިޕަރުންނާއި ޑްރޯން ބޭނުންކޮށްގެން ދޭ މި ޙަމަލާތަކަކީ ނަސްލު ނައްތާލުމުގެ ސީދާ ޖަރީމާއެކެވެ. ފަލަސްޠީނުގެ ތަޢުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ޣައްޒާއާއި ހުޅަނގު އައްސޭރިން 20,748 ދަރިވަރުންނާއި ތަޢުލީމީ ދާއިރާގެ 1,058 މުވައްޒަފުން ވަނީ ޝަހީދުކޮށްލާފައެވެ.
ޣައްޒާއިން އެކަނިވެސް ސްކޫލްތަކުގެ 19,189 ދަރިވަރުންނާއި ޔުނިވަރސިޓީތަކުގެ 1,386 ދަރިވަރުން ޝަހީދުވެފައިވާއިރު، 28,586 ސްކޫލް ދަރިވަރުންނާއި 3,082 ޔުނިވަރސިޓީ ދަރިވަރުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ޣައްޒާގެ ސްކޫލްތަކުގެ 805 މުދައްރިސުންނާއި 246 ޔުނިވަރސިޓީ ލެކްޗަރާއިންނާއި މުވައްޒަފުން ޝަހީދުވެފައިވާއިރު، 3,298 ސްކޫލް މުވައްޒަފުންނާއި 1,493 ޔުނިވަރސިޓީ މުވައްޒަފުން ވަނީ ޒަޚަމްވެފައެވެ.
ޣައްޒާގެ ސްކޫލް ޢިމާރާތްތަކުގެ 93 އިންސައްތަ އަލުން ބިނާކުރަންޖެހިފައިވާއިރު، 700,000 އަށްވުރެ ގިނަ ދަރިވަރުން ވަނީ އަސާސީ ތަޢުލީމުން މަޙްރޫމުވެފައެވެ. އަދި ޣައްޒާގައި ހުރި ހުރިހާ ޔުނިވަރސިޓީތަކެއް ހިމެނޭހެން މަތީ ތަޢުލީމުދޭ 63 އަށްވުރެ ގިނަ މަރުކަޒު ވަނީ ބިމާ ހަމަކޮށްފައެވެ. މުއައްސަސާތަކާއި، ކުތުބުޚާނާތަކާއި، ލެބޯޓްރީތައް އަދި ތާރީޚީ ތަންތަން މުޅިން ހަލާކުކޮށްލުމަށް ޔަހޫދީން ހިންގާ މި ޖަރީމާ އދ. ގެ މާހިރުން ސިފަކުރަނީ އިލްމީ އަދި ތަޢުލީމީ ޙަޔާތް މުޅިން ނައްތާލުމުގެ ޢަމަލެއް ("ސްކޮލާސްޓިސައިޑް") ގެ ގޮތުގައެވެ.
ހުޅަނގު އައްސޭރީގެ ޢުދުވާނާއި، އުމްރާނީ ސުންނާފަތިކަން
އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައިވެސް ޔަހޫދީ ސިފައިންނާއި ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިންގެ ލާއިންސާނީ ޙަމަލާތައް ވަނީ އިންތިހާއަށް އިތުރުކޮށްފައެވެ. ހުޅަނގު އައްސޭރިން އެކަނިވެސް ސްކޫލްތަކުގެ 134 ދަރިވަރުންނާއި ޔުނިވަރސިޓީތަކުގެ 39 ދަރިވަރުން ޝަހީދުވެ، 871 ސްކޫލް ދަރިވަރުންނާއި 283 ޔުނިވަރސިޓީ ދަރިވަރުން ވަނީ ޒަޚަމްވެފައެވެ. އަދި ޔަހޫދީ ފައުޖުތަކުން ވަނީ ހުޅަނގު އައްސޭރިން 416 ސްކޫލް ދަރިވަރުންނާއި 481 ޔުނިވަރސިޓީ ދަރިވަރުން ޤައިދުކޮށްފައެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާގެ 7 މުވައްޒަފަކު ޝަހީދުކޮށް، 26 މީހަކު ޒަޚަމްކޮށްލާފައިވާއިރު، 176 އަށްވުރެ ގިނަ ސްކޫލް މުދައްރިސުންނާއި 21 ޔުނިވަރސިޓީ މުވައްޒަފުން ވަނީ ހައްޔަރުކޮށް ޖަލަށްލާފައެވެ. ޖުމްލަގޮތެއްގައި ހުޅަނގު އައްސޭރިން 1,210 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 13,350 މީހުން ޒަޚަމްވެ، 24,600 އަށްވުރެ ގިނަ މީހުން ވަނީ ޔަހޫދީންގެ ޣައިރުޤާނޫނީ ބަންދަށް ގެންގޮސްފައެވެ.
ޣައްޒާގެ ޢިމާރާތްތަކުގެ 82 އިންސައްތަ އެއްކޮށް ހަލާކުވެ، މުޅި އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ސުންނާފަތިވެފައިވާއިރު، 1.98 މިލިއަން ފަލަސްޠީނު ރައްޔިތުން (އާބާދީގެ 90 އިންސައްތަ) ވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ. އަދި ފެންވަޅުތަކާއި، ފެންރައްކާކުރާ ތާނގީތަކާއި، ލޮނުފެން މީރުފެނަށް ބަދަލުކުރާ ޕްލާންޓްތަކަށް ދިން ޙަމަލާތަކުގެ ސަބަބުން، މުޅި އާބާދީގެ 91 އިންސައްތަ މީހުން ވަނީ ސާފު ބޯފެނުން މަޙްރޫމުވެފައެވެ. ކުއްލި ޙާލަތްތަކުގައި ދިރިހުރުމަށްޓަކައި މީހަކަށް ދުވާލަކު މަދުވެގެން 20 ލީޓަރުގެ ފެން ބޭނުންވާއިރު، ޣައްޒާގެ ދެބައިކުޅައެއްބައި އާބާދީ ދިރިއުޅެން މަޖުބޫރުވެފައިވަނީ ދުވާލަކަށް އެންމެ 6 ލީޓަރަށްވުރެ މަދު ފެންފޮދަކުންނެވެ.
ޔަހޫދީން ހިންގަމުންދާ އަނިޔާވެރި ޖަރީމާތަކުގެ ޙަޤީޤަތް ބައިނަލްއަޤްވާމީ ދުނިޔެއަށް ފޮރުވުމުގެ ނުބައި މަޤްޞަދުގައި، ޚަބަރު ފަތުރާ ވަސީލަތްތަކަށް އަމާޒުކޮށް 300 އަށްވުރެ ގިނަ ނޫސްވެރިން ވަނީ ޤަތުލުކޮށްފައެވެ. މީގެ ތެރޭގައި އަލްޖަޒީރާ ނެޓްވޯކަށް ނިސްބަތްވާ 12 ނޫސްވެރިއަކު ހިމެނެއެވެ. އޭގެ ތެރޭގައި ސާމިރު އަބޫދައްޤާ، ޙަމްޒާ ދަޙްދޫޙް، އިސްމާޢީލް އަލްޣޫލް، އަޙްމަދު އަލްލޫޙް، ޙުސާމް ޝަބާތު، އިބްރާހީމް ޡާހިރު، މުޙައްމަދު ޤުރައިޤިޢު، މުޙައްމަދު ނައުފަލް، އަނަސް އަލްޝަރީފް، މުޙައްމަދު ޞަލާޙް، މުޙައްމަދު ވިޝާޙް، އަދި އަޙްމަދު ވިޝާޙް ފަދަ އިސް ސަފުގެ އަޑުތައް ހިމެނެއެވެ.
ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ޔަހޫދީ އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދަނީ، ޒަމާނީ އިންސާނީ ތާރީޚު ނުދެކޭފަދަ އަނިޔާވެރި އަދި ރޭވުންތެރި ނަސްލު ނައްތާލުމުގެ ބޮޑު ޤަތުލުޢާއްމެކެވެ. މުޅި ސިއްޙީ ނިޒާމާއި، ތަޢުލީމީ ވިއުގަތަކާއި، އަސާސީ އުމްރާނީ ވަސީލަތްތައް ގަސްދުގައި ފުނޑުފުނޑުކޮށް، ދިރިއުޅުމުގެ އެންމެހައި ވަސީލަތްތަކުން މަޙްރޫމުކޮށްގެން ހިންގާ މި ޖަރީމާއަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާއި ހަނގުރާމައިގެ ހުރިހާ ޤަވާޢިދުތަކަކަށް ފާޅުގައި ގޮންޖެހުމެކެވެ.
ހަނގުރާމަ ހުއްޓާލުމުގެ ނަމުގައި ހެދޭ އެއްބަސްވުންތަކަށް ޔަހޫދީން ކަނޑައެޅިގެން ޚިލާފުވެ، ކުށެއްނެތް ކުޑަކުދިންނާއި، ދަރިވަރުންނާއި، ޞިއްޙީ ޚިދުމަތްތެރިން އަދި ޙަޤީޤަތް ހާމަކުރާ ނޫސްވެރިންނަށް ސީދާ އަމާޒުކޮށް ޙަމަލާދެމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢާއި ބޮޑެތި ބާރުތަކުން ދައްކާފައިވަނީ ލަދުވެތި ހަނުހުރުމެކެވެ. ޤާނޫނީ ގޮތުންނާއި އިންސާނީ ގޮތުން ފިޔަވަޅު އެޅުމުގައި ދުނިޔެ ފެއިލްވެފައިވުމަކީ، ފަލަސްޠީނުގެ ބިމުން އެ ޤައުމުގެ އަހުލުވެރިން ފޮހެލުމަށް ޔަހޫދީން ކުރިއަށްގެންދާ ލާއިންސާނީ ޢުދުވާނަށް ލިބުނު ފުރުޞަތެކެވެ. ވުމާއެކު، މިއަދު މުޅި އިސްލާމީ އުންމަތާއި އިންސާނިއްޔަތަށް ލޯބިކުރާ ހުރިހާ ފަރާތްތަކެއް ގުޅިގެން، މި ޢުދުވާން ވަގުތުން ހުއްޓުވައި، ޔަހޫދީންގެ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމަކީ ދުނިޔޭގެ ސުލްޙައާއި އިންސާފަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.