ޚަބަރު

"ރާއްޖޭގެ ކަސްޓަމްސްއިން ވަނީ ކުރިއެރުންތަކެއް ހޯދާފައި"


މި ސަރަހައްދުގެ އެހެން ޤައުމުތަކުގެ ކަސްޓަމްސް އިދާރާތަކުގެ މައްޗަށް ރާއްޖޭގެ ކަސްޓަމްސްއިން ކުރިއެރުންތަކެއް ހޯދާފައިވާކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙުމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް ކަސްޓަމްސް ހެޑް އޮފީހުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވަނީ ކަސްޓަމްސް އިން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ބޮޑީ ސްކޭނިން ސިސްޓަމެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިދިޔަ އަހަރު ބެހެއްޓުމުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ފަސޭހަވެގެންދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކަސްޓަމްސްއަށް އަންނަ ކުރިއެރުންތަކާއެކު މި ސަރަހައްދުގެ ޤައުމުތަކުގެ މައްޗަށް ރާއްޖެ ކުރި ހޯދާފައިވާކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14854106184392.jpg|ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޙަފްލާގެ ތެރެއިން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

ހުސްވި އަހަރުތެރޭ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ރެކޯޑް އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. ހުސްވި އަހަރުތެރޭ ކަސްޓަމްސް އިން ހިންގި ފަންސަވީސް އޮޕަރޭޝަނެއްގައި ފަންސާސް ހަތް ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ސީ ޕޯޓު ތަކުގައި ގޭޓްވޭ އޮޑިޓެއް ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ޝައްކުކުރެވޭ ހުރިހާ ދޮރެއް ބަންދު ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީންގެ ވާހަކަފުޅުގައި ކަސްޓަމްސްގެ މުވައްޒަފުންގެ މަސައްކަތްތަކަށް ތައުރީފްކުރައްވާ ހިއްވަރުދެއްވިއެވެ.

މިއަހަރުގެ ކަސްޓަމްސް ދުވަހުގެ ޝިއާރަކީ، " ޑޭޓާ އެނަލިސިސް، ފޮރ އިފެކްޓިވް ބޯޑާ މެނޭޖްމަންޓް" ނުވަތަ ދޮރާށިތައް ބެލެއްހެއްޓުން ހަރުދަނާ ކުރުމަށްޓަކައި މައުލޫމާތުތައް ދިރާސާކޮށް އޭގެ ބޭނުން ހިފުން މިޝިއާރެވެ.