ޚަބަރު

އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު ފަސްކުރައްވައިފި


ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު ބާއްވަވާ ތާރީޚް ފަސްކުރައްވައިފިއެވެ.

އަންނަ މާޗުމަހު ބޭއްވެވުމަށް ތާވަލްކޮށްފައިވާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ދެން ބާއްވަވާނީ މިއަހަރުގެ ޑިސެމްބަރުމަހު ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މަޢުރަޒު ބާއްވަވާ ތާރީޚަށް ބަދަލު ގެންނެވީ މަޢުރަޒުގެ ކަންތައްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިޔުމަށް ވަގުތު ބޭނުންވާތީ ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީން ޤާއިމްކުރައްވާ ދިވެހި އުފެއްދުންތަކަށް ޙާއްސަ ފެކްޓަރީގެ އުފެއްދުންތައްވެސް މިފަހަރުގެ މަޢުރަޒުގައި ދައްކާލުމަށް ހަމަޖެހިފައިވާކަމަށާއި އެކަމަށްވެސް ވަގުތު ބޭނުންވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒް، "އެކްސްޕޯ މޯލްޑިވްސް" އަކީ ރާއްޖޭގައި އުފައްދާ އަމިއްލަ އުފެއްދުންތަކަށް މާކެޓް ހޯއްދަވައިދެއްވައި ފަންނުވެރިންގެ ހުނަރު ޢާންމުކޮށް ފެންނާނެ ފުރުޞަތު ފުޅާގޮތެއްގައި ލިބިދެއްވުމަށް ބާއްވަވާ މަޢުރަޒެކެވެ.

12 އަހަރުގެ މެދުކެނޑުމަކަށްފަހު އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު އަލުން ބާއްވަވަން ފަށްޓަވާފައިވަނީ 2015 ވަނަ އަހަރުއެވެ.