ޚަބަރު

އެމްޕީއެލް އާއި އެމްބީއެސް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް


މޯލްޑިވްސް ޕޯޓްސް ލިމިޑެޓާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މިއަދު ފަށައިފިއެވެ. މި ކޭމްޕް މިއަދު ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެ ކަމަށް އެމްޕީއެލުން ހާމަކުރެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެން ލޭ ހާދިޔާ ކުރުމުގެ ކޭމްޕެއް ފަށައިގެން ކުރިއަށް އެބަދެއެވެ. މިކޭމްޕް ފެށުމުގެ ގޮތުން މީރުބަހުރު ބަނދަރުގައި ހަދާފައިވާ ކެފޭގައި ވަނީ ޚާއްޞަ ހަފްލާއެއް ބާއްވާފައެވެ. މި ޙަފްލާ ޝަރަފްކޮށްދެއްވާ ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ މުޙައްމަދު އިބްރާހިމް ވިދާޅުވީ ލޭ ހަދިޔާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ލޭ ދޭ މީހުންގެ ރަޖިސްޓްރީއެއް އެކުލަވާލުމަކީ ލޭ ހޯދާ މީހުންނަށް، ލޭ ހޯދުމުގެ ފަސޭހަތަކެއް ލިބުގެންދާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ހަފްތާއަކަށް ސަތޭކަ ފަންސާސް ޕައިންޓު ލޭ ބޭނުންވާ ކަމަށް އެ ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަސްމާ އިބްރާހިމް ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު ލޭ ދިނުމަށް އަސްމާ ވަނީ އެދިވަޑައިގަންނަވާފައެވެ.

އެމްޕީއެލުގެ މުވައްޒަފުންނަށް އަމާޒްކޮށްގެން ކުރިއަށްގެންދާ ލޭ ހަދިޔާކުރާ މި ކޭމްޕުގައި ސަތޭކައާއި ގާތްކުރާ ޢަދަދަކަށް މީހުން ލޭ ހަދިޔާ ކުރާނެ ކަމަށް އެމްޕީއެލުން ލަފާކުރެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓާއި މޯލްޑިވްސް ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށްދާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ފެށުމުގެ ޙަފްލާގައި މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ބޭފުޅުންނާއި، އެމްޕީއެލްގެ އިސް ބޭފުޅުންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.