ޚަބަރު

"ސަޤާފަތް ދިރުވާ އާލާކުރުމުގައިވެސް ސިފައިންގެ ދައުރު ބޮޑު"


ދިވެހި ސިފައިންގެ ވާޖިބަކީ ދުޝްމަނުންގެ ކިބައިން ޤައުމު ސަލާމަތްކުރުން އެކަނިނޫންކަމަށާއި ދިވެހިންގެ ސަޤާފަތާއި އާދަކާދަ ދިރުވާ އާލާކުރުމަކީ ވެސް ސިފައިންގެ ޒިންމާއެއްކަމަށް ޗީފްއޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ އެމްއެންޑީއެފުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ރިޔަލު ދޯނި ދުއްވުމާއި ފަލިޖެހުމުގެ މުބާރާތް ފައްޓަވާދެއްވުމަށް ޢިއްޒުއްދީން ފާލަމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމީ ދިފާއީ ބާރުން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ރިޔަލުދޯނި ދުއްވުމާއި އަދި ފަލި ޖެހުމުގެ މުބާރާތް ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ. ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތް ފެށްޓުމަށް އިއްޒަންދީން ފާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ޗީފްއޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައިވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ ސިފައިންނަކީ ރާއްޖޭގެ ދިފާޢީ ކަންކަމަށް ޒިންމާވެގެން ތިބޭ ބަޔަކަށްވާއިރު ސިފައިން ހަމައެކަނި މަސައްކަތްކުރަންވާނީ ހަތިޔާރު ހިފައިގެން ކުރިމަތިލާ ދުޝްމަނުންގެ ކިބައިން ޤައުމު ސަލާމަތްކުރަން އެކަނި ނޫންކަމަށެވެ. ދިވެހި ސިފައިންނަކީ  ދިވެހިންގެ ސަޤާފަތާއި އާދަކާދަތައް ދިރުވާ އާލާކުރާ ބަޔަކަށް ވާންޖެހޭކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14839625696491.jpg|އެމްއެންޑީއެފުން ބާއްވާ ރިޔަލު ދޯނި ދުއްވުމާއި ފަލިޖެހުމުގެ މުބާރާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ރިޔަލު ދޯނި ދުއްވުމާއި ފަލި ޖެހުމުގެ ހުނަރަކީ ދިވެހިންގެ ކިބައިން ނެތެމުންދާ ސަޤާފީ ހުނަރެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެ ހުނަރުތައް ދިރުވުމުގެ ގޮތުން ސިފައިންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވަން ދަސްކޮށްދިނުމަށް ހަމަޖައްސަވާފައިވާކަމަށެވެ. އަދި އާންމުންނަށް އަމާޒުކޮށްގެން މި ހުނަރު ދަސްކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރިޔަލު ދޯނި ދުއްވުމާއި ފަލިޖެހުމުގެ ޙަރަކާތްތަކަކީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ގެ ޚާއްސަ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާ ޙަރަކާތެއް ކަމަށާއި އެ ޙުނަރާއި ގުޅޭ މަޢުލޫމާތާއި އިރުޝާދާއި މުބާރާތުގެ ބައިވެރިންނަށް މިނިސްޓަރ ދެއްވަވާފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

'' ޕަރސަނަލީ ސިފަވަރަށް ވަޑައިގަންނަވާ، އަލުގަނޑުމެންގެ މި ސެއިލިންގ ޓީމުތަކުގައި ބައިވެރިވި ކުދިންނަށް އެމަނިކުފާނު، ޗީފް އިންސްޓްރަކްޓަރެއްގެ ހައިސިއްޔަތުން ހުރިހާ ދޯނީގެ ބައިތަކާއި ކިޔާ ނަންތަކާ އެ އެއްޗެހި އައްސަންވީގޮތާއި، ރިޔާ ނަގައިގެން ދުއްވަންވީ ގޮތާއި، އެހެން ގޮސް އެކަމާއި ބެހޭ ހުރިހާ ކަމެއް ޕަރސަނަލީ ކިޔައިދެއްވި." ޝިޔާމް ވިދާޅުވިއެވެ.

ރިޔަލު ދޯނި ދުއްވުމާއި ފަލިޖެހުމުގެ މުބާރާތުގައި އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުން 21 ޓީމު ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި އަންހެން އެއް ޓީމު ހިމެނެއެވެ.

އެއްދުވަހަށް ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިން ރިޔަލު ދޯންޏާއި ސޮކި ދޯނި ތަކުގައި 400 މީޓަރަށް ދަތުރުކުރަންޖެހެއެވެ. މި މުބާރާތުގެ ނަތީޖާ ޢިއުލާނުކުރަން ހަމަޖެހިފައިވަނީ މިއަދުއެވެ.