ޚަބަރު

ޓޮޕް ސްކޯރާއަކަށް އިލާން، މޮޅު ކުޅުންތެރިއަކަށް އިންޑިއާގެ އޮމަންގް


  • އިލާން އަދި އޮމަންގް ވެސް ތިން ލަނޑު ޖަހާފައިވޭ

  • ރާއްޖެއިން ކުޅުނީ ތިން މެޗު

  • އިންޑިއާއިން ހަތަރު މެޗު ކުޅުނު

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ޖޮއިންޓް ޓޮޕް ސްކޯރަރ އަކަށް، ރާއްޖޭގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާނާއި އިންޑިއާގެ އޮމަންގް ޑޮޑަމް ހޮވުނުއިރު،، މޮޅު ކުޅުންތެރިއަކަށް އޮމަންގް ޑޮޑަމް ހޮވިއްޖެއެވެ.

މުބާރާތުގައި ރާއްޖެއިން ތިން މެޗު ކުޅެފައިވާއިރު، ޖޮއިންޓް ޓޮޕް ސްކޯރަރ އަކަށް އިލާން ހޮވުނީ ކުޅުނު ތިން މެޗުން ޖެހި ތިން ލަނޑާއެކުއެވެ. އިލާންގެ ފުރަތަމަ ދެ ލަނޑަކީ ލަންކާއާ ދެކޮޅަށް ކުޅެ ޖެހި ދެ ލަނޑެވެ. އަނެއް ލަނޑު ޖެހީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޭޕާލާ ދެކޮޅަށެވެ.

ޖޮއިންޓް ޓޮޕް ސްކޯރަރ އަކަށް އިލާންއާއެކު ދެން ހޮވުނު އިންޑިއާގެ އޮމަންގް ޑޮޑަމް ތިން ލަނޑު ޖަހާފައި ވަނީ ހަތަރު މެޗުންނެވެ.

މީގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ، "މޯސްޓް ވެލިއުބަލް ޕްލެޔަރ (އެމްވީޕީ)" އެވޯޑު ހޯދީ ވެސް އިންޑިއާގެ އޮމަންގް ޑޮޑަމްއެވެ.

4100 ސަޕޯޓަރުންގެ ކުރިމަތީގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި އިންޑިއާއާ ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝް އިންނެވެ.

މި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޕެނަލްޓީގައި އިންޑިއާގެ މައްޗަށް ބަންގްލަދޭޝް އިން ކުރިހޯދީ 3-4 އިންނެވެ.