ޚަބަރު

"ޗައިނާގެ އެހީތެރިކަން ދިވެހިރާއްޖެއަށް އަބަދުވެސް ލިބޭނެ"


ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދިވެހި ސަރުކާރުން ހިންގަވާ މަޝްރޫޢުތަކަށް ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖޭގެ ފޮރިން މިނިސްޓަރަށް ދެއްވައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ ވޭންގޔީ މި ޔަޤީންކަން ދިވެހިންނަށް ދެއްވީ ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޑރ.މުޙައްމަދު އާސިމް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ފޮރިން މިނިސްޓަރުން އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން، ދެ ޤައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ރާއްޖޭގައި ދިވެހި ސަރުކަރުން ހިންގަވާ ތަރައްޤީގެ މަޝްރޫއުތަކަށް ޗައިނާގެ އެހީތެރިކަން ދެއްވުމާއި، ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ޙިއްޞާއެއް އަދާކުރަމުންދާ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންތަތައްތަކާމެދުވެސް މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން ދެޤައުމުގެ ޚާރިޖީ ގުޅުންތަކާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކާމެދުވެސް ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި މިއަހަރީ ރާއްޖެއާއި ޗައިނާގެ ޑިޕްލޮމެޓިކް ގުޅުމަށް 45 އަހަރު ފުރޭ އަހަރުކަމުން މި މުނާސަބާ ކުލަގަދަ ގޮތެއްގައި ދެ ޤައުމު ގުޅިގެން ފާހަގަކުރެވިދާނެ ގޮތްތަކާމެދުވެސް މިނިސްޓަރުން މަޝްވަރާކުރައްވާފައިވެއެވެ.