ޚަބަރު

ހޮންގް ކޮންގް ޕެއާ އަތުން އަރީޝާއާ އަނާލްގެ ޕެއާ ބަލިވެއްޖެ


  • ހޮންގް ކޮންގް އަތުން ރާއްޖޭގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުން

ޖަޕާނުގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯލް އިވެންޓުގައި ރާއްޖޭގެ ފާތިމަތު އަނާލްއާ އައިމިނަތު އަރީޝާ ޕެއާ އަތުން ހޮންގް ކޮންގްގެ ވިންގް މަން ޓޯއާ ވިންގް ޓުންގް ޓޯ ޕެއާ ކުރިހޯދައިފިއެވެ.

މިއަދު ހެނދުނު ކުޅުނު މި މެޗު ހޮންގް ކޮންގް ޕެއާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގައި މި ސެޓު ހޮންގް ކޮންގް ޕެއާއިން ކާމިޔާބުކުރީ 21-2 ގެ ބޮޑު ތަފާތަކުންނެވެ.

އެކަމަކު ދެވަނަ ސެޓުގައި އަނާލްއާ އަރީޝާގެ ޕެއާއިން ވަނީ ރަނގަޅު ފައިޓެއް ހޮންގް ކޮންގް ޕެއާއަށް ދެވޭތޯ މަސައްކަތްކޮށްފައެވެ. މި ސެޓު ހޮންގް ކޮންގްގެ މަންއާ ޓުންގް ޕެއާއިން ކާމިޔާބުކުރީ 21-9 އިންނެވެ.

މި މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެއިން ފުރަތަމަ ނުކުތީ ފިލިޕީންސްއާ ދެކޮޅަށެވެ. އެ މެޗު ފިލިޕީންސްގެ ޕެއާއިން ވަނީ ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި ރާއްޖޭގެ އެއްވަނަ ފިރިހެން ޕެއާ ވެސް އަންނަނީ ވާދަކުރަމުންނެވެ. ފިރިހެން ޕެއާގައި ހިމެނެނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)އެވެ.