ޚަބަރު

އިލެކްޝަންސްއިން ހައިކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި


ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރެއްވުމަށް ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރެއްވި ޙުކުމްގައިވާ ބައެއް ކަންކަން ސާފުކުރެއްވުމުގެ ގޮތުން ޙުކުމެއް ހޯއްދެވުމަށް އިލެކްޝަންސްއިން ހައިކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކައުންސިލް އިންތިޙާބް ފަސްކުރެއްވުމަށް ސިވިލް ކޯޓުން ކުރެއްވި ޙުކުމާއި ގުޅިގެން އެ ކޮމިޝަނުން ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފްގެ މައްސަލަ އަނބުރާ ގެންނަވާފައިވާ ކަމަށެވެ. އަދި ދަށު ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރެއްވި ޙުކުމާ ގުޅިގެން ހުރި ބައެއް ކަންކަމަށް ޙުކުމެއް ހޯއްދެވުމަށް އެ ކޮމިޝަނުން ހައިކޯޓަށް މައްސަލައެއް މިއަދު ހުށަހަޅުއްވާފައިވާ ކަމަށް އިލެކްޝަނުން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ. 

ސިވިލް ކޯޓުން އިންތިޚާބު ފަސްކުރުމަށް އަމުރު ނެރުއްވީ، ލޯކަލް ކައުންސިލް އިންތިޚާބު ދެ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ޕީޕީއެމުން ސިވިލްކޯޓަށް ހުށައެޅި މައްސަލަ ބެއްލެވުމަށްފަހުއެވެ. އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސިވިލް ކޯޓުން ކުރެއްވި ޙުކުމްގައި ވިދާޅުވެފައި ވަނީ އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޙާބު ފަސްކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެ އިންތިޙާބުގައި ވާދަކުރައްވާ ފަރުދުންނަށް އިންތިޙާބީ ހައްޤުގައި ކުރަންޖެހޭ މަސައްކަތް ކުރެއްވުމަށް މަގުފަހިވެ، އިތުރުވަގުތު ލިބިގެންދާނެ ކަމެއްކަން އެނގެން އޮންނާތީ މިގޮތުގެ މައްޗަށް އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޙާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ތާރީޙަށް ބަދަލު ގެންނަވަންޖެހޭ ކަމަށެވެ.