އެން.ބީ.އޭ ބާސްކެޓްބޯޅަ މުބާރާތުގެ އައު ސީޒަން ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ނިއުޔޯކް ނިކްސް ބަލިވެއްޖެއެވެ.
ނިއުޔޯކްގެ މެޑިސަން ސްކުއެއަރ ގާޑެންގައި ކުޅުނު މިމެޗު ސެވަންޓީ ސިކްސަރސް ކާމިޔާބު ކޮށްފައިވަނީ 106 ޕޮއިންޓް 100 ޕޮއިންޓުންނެވެ. މިމެޗު ފެށުމުގެ ކުރިންވަނީ ނިކްސްއިން މިދިޔަ ސީޒަންގައި ޗެމްޕިއަންކަން ހޯދުމުން ކުޅުންތެރިންނަށް ލިބިގެންދިޔަ އެން.ބީ.އޭ.ގެ ޗެމްޕިއަން އަނގޮޓި ހަވާލު ކުރުމާއި ބެނަރ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ.
ވަރަށް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ނިކްސްއިން ފެށުން ރަނގަޅު ކުރި ނަމަވެސް މުޅި މެޗުގައި އެޓީމަށް އެކުޅުން ދެމެހެއްޓޭގޮތެއް ނުވިއެވެ. އަދި ނަތީޖާއަކަށް ވީ މިސީޒަންގައި މުހިންމު ބޮޑެތި ބަދަލު ތަކަކާއެކު ނިކުން ސެވަންޓީ ސިކްސަރސްއިން އެޓީމުގެ މޮޅު ކުޅުން ދައްކާ މިމެޗުގައި ކުރި ހޯދުމެވެ. މިމެޗުގެ ފުރަތަމަ ކުއާޓަރ ނިކްސްއިން 2 ޕޮއިންޓުގެ ލީޑެއްގައި އޮވެގެން ނިންމާލި އިރު ފުރަތަމަ ހާފް އެޓީމުން ނިންމާލީ 4 ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ. ނަމަވެސް ފުރަތަމަ ދެ ކުއާޓަރ އާއި ޚިލާފަށް 3 ވަނަ ކުއާޓަރގައި ސެވަންޓީ ސިކްސަރސްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް 11 ޕޮއިންޓުގެ ލީޑެއް ނެގިއެވެ. މިއާއެކު ހަތަރު ވަނަ ކުއާޓަރ އާއި ކުރިމަތިލީއިރު ސެވަންޓީ ސިކްސަރސް އޮތީ 7 ޕޮއިންޓުގެ ލީޑެއްގައެވެ. ފަހު ކުއާޓަރގައި ދެޓީމުގެ ފަރާތުން ފެނުނު ހަމަހަމަ ކުޅުމަށްފަހު ނިކްސްއަށް ކުރެވުނު ހާވެސް ކަމަކީ ސެވަންޓީ ސިކްސަރސްގެ ލީޑު 6 ޕޮއިންޓަށް ކުޑަ ކުރުމެވެ.
މިމެޗުގައި ސެވަންޓީ ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓު ހޯދާ 4 ރީބައުންޑް ނަގާ 5 އެސިސްޓް ކުރި ޓައިރީސް މެކްސޭއެވެ. މިސީޒަންގައި ސެވަންޓީ ސިކްސަރސް އާއި އަލަށް ގުޅުނު ޖޭލެން ބްރައުން 19 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް 6 އެސިސްޓް ކުރިއިރު ލެބްރޮން ޖޭމްސް ވަނީ 14 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 7 އެސިސްޓް ކޮށްފައެވެ. ބްރައުން އަކީ މިސީޒަނަށް ބޮސްޓަން ސެލްޓިކްސްއިން ގެނައި ކުޅުންތެރިޔެއެވެ. އަދި މިހާރު މިމުބާރާތުގައި ކުޅޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކަމަށްވާ ލެބްރޮން ޖޭމްސް ގުޅިފައިވަނީ ލޮސް އެންޖަލިސް ލޭކަރސްއިންނެވެ. ސެވަންޓީ ސިކްސަރސްގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ ޖޮއެލް އެމްބިޑްވަނީ މިމެޗުގައި 13 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީފައެވެ.
ނިކްސްއަށް ބަލާލާއިރު އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދިން ކާލް އެންތަނީ ޓައުންސްއެވެ. މީގެއިތުރުން ޖޭލެން ބްރުންސެން 21 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގާ 3 އެސިސްޓް ކުރިއިރު އަންޑްރޭ ޑްރޫމޮންޑްވަނީ 12 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގައިދީފައެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޑެޓްރޮއިޓް ޕިސްޓަންސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރި މެޗު 121 ޕޮއިންޓް 113 ޕޮއިންޓުން ޕިސްޓަންސް ކާމިޔާބު ކުރިއިރު އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ތަންޑަރއެވެ.