ޚަބަރު

ޤައުމުގެ މުސްތަޤުބަލު ކަށަވަރުކުރެވޭނީ ޒުވާނުން ބާރުވެރިކޮށްގެން


  • ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރަނީ އޮކްޓޫބަރ 22ގައި

  • މިއީ 18 އަހަރުގެ ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ކަށަވަރުވުމުން ފާހަގަކުރާ ދުވަހެއް

ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލަކީ ޤައުމުގެ ޒުވާނުންނެވެ. ޤައުމުގެ މުސްތަޤުބަލު އުޖާލާ ކުރެވޭނީ ޤައުމުގެ ޒުވާނުން ބާރުވެރިކޮށް، ޒުވާނުންނަށް ކުރިއަރައިދިއުމުގެ ފުރުސަތުތައް ފަހިކޮށްދީގެންނެވެ.

ދިވެހިރާއްޖޭގައި ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހެވެ. ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި މި ދުވަސް ކަނޑައަޅާފައިވަނީ ރާއްޖޭގެ ޒުވާނުންނަށް އެންމެ ބޮޑު އެއް ހައްގު ކަށަވަރުވި ދުވަހާ ގުޅުވައިގެންނެވެ. އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓުލުމުގެ ޙައްގު ކަށަވަރުކުރުމުގެ މާއްދާ ފާސްކުރީ މީގެ 19 އަހަރު ކުރިން ރައްޔިތުންގެ ޚާއްސަ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާގައެވެ. އޭގެ ކުރިން ވޯޓުލެވެނީ 21 އަހަރުން މަތީގެ މީހުންނަށެވެ.

މިއީ ޤައުމުގެ ޒުވާނުން ބާރުވެރިކުރުވުމަށް އެޅުނު އެންމެ ފުރަތަމަ ފިޔަވަޅެވެ. މި ޙައްޤާއެކު ޤައުމުގެ ކަންކަމުގައި ގޮތް ނިންމުމުގައި ހުރިހާ ޒުވާނުންގެ ބަސް އެއަށްފަހު މިއަދާހަމައަށް ޤައުމުގެ ޒުވާނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ދިވެހި ޒުވާނުން ދަނީ އެކި ދާއިރާތަކުން ޤައުމު ފަޚުރުވެރިކުރުވަމުންނެވެ. ޤައުމަށް ރީތި ނަންތައް ހޯދައިދެމުންނެވެ.

ސިޔާސީ ދާއިރާގައި ޒުވާނުން

ވޯޓުލުމުގެ ހައްގާއެކު ސިޔާސީ ދާއިރާގައި ޒުވާނުންގެ ދައުރުވެސް ދުވަހަކަށްފަހު ދުވަހެއް ދަނީ އިތުރުވަމުންނެވެ. މިއަދު މަޖިލީހުގައިވެސް ޒުވާން މެންބަރުންގެ އަޑު ގަދައެވެ.

ދައުލަތުގެ އެކި މަޤާމުތަކުގައި ޒުވާނުން ދަނީ ޤައުމާއި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ޒުވާނުންގެ ކަންކަމުގައި އެމަނިކުފާނަށް ލަފާ އެރުވުމަށް ޒުވާނުންގެ ކައުންސިލެއް ވަނީ އުފައްދަވާފައެވެ.

ޒުވާނުން ސިޔާސީ ދާއިރާއަށް ނުކުންނަ އަދަދު އިތުރުކޮށް، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް މަޖިލީހަށް މެންބަރުން އިންތިޚާބުކުރެވޭ ދާއިރާތަކުން ޒުވާނުން އިންތިޚާބުކުރެވޭ ގޮތަށް ޒުވާނުންގެ މަޖިލީހެއް އުފައްދަވާނެ ކަމަށް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައިވެސް ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޤައުމަށް ބޭނުންތެރި ޒުވާނުން ބިނާކުރުމަށް ޚާއްސަ މަސައްކަތެއް

ޤައުމު ކުރިއެރުވޭނީ އަޙްލާގު ރަނގަޅު، ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރެވިގެންކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ސާނަވީ ތަޢުލީމު ނިންމުމަށްފަހު މަތީ ތަޢުލީމު ހާސިލްކުރުމަށް އަދި ޚިޔާރުކުރާނެ ވަޒީފާއެއް ނޭނގި ނުވަތަ ވަޒީފާ ނުލިބި އެތައް ޒުވާނުންނެއް މި ޤައުމުގައިވެސް އެބަތިއްބެވެ.

މީގެ ސަބަބުން އެ ޒުވާނުން ނުބައި މަގަކުން ދިއުމުގެ ބިރު، އެ ޒުވާނުންގެ ބެލެނިވެރިންނަށްވެސް އޮވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ވަޠަނީ ޚިދުމަތުގެ ޤައުމީ ޕްރޮގްރާމް ވެގެން ގޮސްފައިވަނީ ބެލެނިވެރިންނާއި ޤައުމުގެ މި ކަންބޮޑުވުމަށް ބޮޑު ހައްލެއް ލިބިގެންދިޔަ ކަމަކަށެވެ.

މި ޕްރޮގްރާމް ތަޢާރަފު ކުރިތަކާ އަހަރެއް ވެފައިވާއިރު މިހާތަނަށް 1000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ކަމުގައިވާ އަސާސީ ތަމްރީނުތައް ފުރިހަމަކޮށްފައެވެ. އަދި މިހާރުވެސް 351 ޒުވާނުން ދަނީ މި ޕްރޮގްރާމް ފުރިހަމަކުރަމުންނެވެ.

މި ޕްރޮގްރާމުގެ ތެރެއިން ޒުވާނުންނަށް ވަޒީފާގެ މާހައުލުގައި ބޭނުންވާ ހުނަރުތަކާއި އަޚްލާގު އުނގަންނައިދެވެއެވެ. އަދި އެކި ދާއިރާތަކުން ބޭނުންވާ އެހެނިހެން ތަމްރީނުތަކާއި މުޖުތަމަޢަށް ފައިދާހުރި ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުގެ ފުރުސަތު ފަހިކޮށްދެއެވެ.

ދީނީ ދާއިރާއިން ޒުވާނުންގެ ހޭލުންތެރިކަން އިތުރުކޮށް، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށްވެސް ޚާއްސަ މަސައްކަތެއް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީނުކުރުމަށް ޚާއްސަ ޕްރޮގްރާމުތަކެއް ވަނީ ފައްޓަވާފައެވެ.

މި ޕްރޮގްރާމުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޒުވާނުން ތަމްރީނުވެފައިވާއިރު މިއީ އަޅުގަނޑުމެންގެ ސައްތައިން ސައްތަ އިސްލާމީ ޤައުމު މި ގޮތުގައި ކުރިއަށް އޮތް ޖީލުތަކަށް ވާސިލްކޮށްދެވޭނެކަމުގެ ޔަޤީންކަން ލިބިގެންދާ ކަމެކެވެ.

އެކި ދާއިރާތަކުން ޒުވާނުންނަށް ފަހި ފުރުސަތުތައް

ޒުވާނުން ތަމްރީނު ކުރުމަށް ރާއްޖޭގައި ތަފާތު އެކި ޕްރޮގްރާމުތައް ހިންގަމުންދާއިރު މިހާތަނަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 208 ޕްރޮގްރާމް ކުރިއަށްގެންގޮސްފައެވެ.

މި ޕްރޮގްރާމުތަކުގައި މިހާތަނަށް 2000 އަށްވުރެ ގިނަ ޒުވާނުން ތަމްރީންކޮށްފައިވާއިރު މީގެ ތެރެއިން ގިނަ ޒުވާނުން މިއަދު ވަނީ ވަޒީފާގެ މާހައުލަށް ނުކުމެ، އެ ޒުވާނުންގެ ފަރާތުން ޤައުމަށް ފައިދާވާ ބަޔަކަށްވެފައެވެ.

މިއީ އެކި ދާއިރާތަކުގެ ވަޒީފާތަކަށް ޒުވާނުން ތަމްރީންކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ. ނަމަވެސް ވަޒީފާތަކަށް ތަމްރީން ކުރުމުގެ އިތުރުން އަމިއްލަ ވިޔަފާރި ފެށުމަށްވެސް ސަރުކާރުން ދަނީ ޒުވާނުންނަށް ބާރުއަޅަމުންނެވެ. މިހާރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ޒުވާނުންނަށް އެ ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ޒުވާން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން "ޔޫތު އެންޓްރަޕްރެނިޔަރޝިޕް ފައިނޭންސިންގ ފެސިލިޓީ" ގެނަމުގައި ޚާއްސަ ފެސިލިޓީއެއްވެސް ސަރުކާރުން ވަނީ ތަޢާރަފުކޮށްފައެވެ. މިއީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ވިޔަފާރިތައް ފެށުމަށާއި ވިޔަފާރި ފުޅާކުރުމަށް ލުއި ލޯނުތަކެއް ލިބޭ ޚާއްސަ ފެސިލިޓީއެކެވެ.

މީގެ އިިތުރުންވެސް އެކި ދާއިރާތަކުން ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ހުރިހާ މަސައްކަތެއްގެ ނަތީޖާއަކަށްވާނީ ޤައުމުގެ ހިންގުން ހަރުދަނާ، މަސައްކަތްތެރި، ޢިލްމުވެރި، އަދި ޤައުމު ދެކެ ލޯބިވާ ބަޔަކާ ހަވާލުކުރެވުމެވެ. ޤައުމާއި ދީން ރައްކާތެރިގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވުމެވެ.