ޣައްޒާގެ ހަސްފަތާލުތަލުގައި ބޭނުންކުރާ ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން އެ މަރުކަޒުތަކަށް ކަރަންޓު ނުލިބުމުގެ ނުރައްކާ ކުރިމަތިވެެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.
ޞިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޖަނަރޭޓަރުތައް ނުހިންގޭ ނަމަ ބަލިމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ދޭން ޖެހޭ ޞިއްޙީ ޚިދުމަތްތައް ނުދެވުން އެކަށީގެންވާ ކަމަށެވެ. މިހާރު ހިންގަމުންދާ ޖަނަރޭޓަރުތައް ބޭނުންކުރަމުން ދަނީ ގިނަ ގޮންޖެހުންތަކަކާ އެކުގައި ކަމަށާއި، ދެންމެދެންމެ އެ ޖަނަރޭޓަރުތައް މަސައްކަތްކުރުން ހުއްޓުން އެކަށީގެންވާ ކަމަށް ވެސް އެ ބަޔާނުގައު ބުނެފައިވެއެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ ހަސްފަތާލުތަކުގައި ހުރި ޖަނަރޭޓަރުތައް ހިންގުމަށް މަހެއްގެ މައްޗަށް މަދުވެގެން 2،500 ލީޓަރުގެ ތެޔޮ ބޭނުންވާ ކަމަށެވެ. އަދި ދޭތެރެދޭތެރެއިން މަދު ޢަދަދެއްގެ ތެޔޮ ލިބުމަކީ ޙަައްލެއް ނޫން ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އެ ޖަނަރޭޓަރުތައް އެތައް ގަޑިއިރަކަށް ބޭނުންކުރަން މަޖުބޫރުވެފައިވާއިރު، އެ ތަކެތީގެ މެއިންޓަނެންސް މަސައްކަތްތައް ވެސް ވީ އެންމެ އަވަހަކަށް ކުރަން ޖެހި ނުކުރެވިފައިވާތީ ޖަނަރޭޓަރުތަކުގެ ޙާލަތު ދެރަވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ތެޔޮ ނުލިބޭނަމަ، ދިގު މުއްދަތަކަށް އެ ތަކެތި ބޭނުން ނުކުރެވޭނެ ކަމުގެ އިންޒާރު ވެސް އެ ވުޒާރާއިން ދީފައިވެއެވެ.
ޣައްޒާގެ އިންސާނީ ޙާލަތު ރަނގަޅު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ޢަދާ ކުރަންޖެހޭ ޒިންމާތައް ޢަދާ ކުރުމަށް ވެސް ޞިއްޙީ ވުޒާރާއިން ގޮވާލާފައިވެއެވެ. އަދި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެލާއި ސްޕެއާ ޕާޓުތައް ޣައްޒާއަށް ވެއްދޭނެ ގޮތް ކަށަަވަރުކުރުމަށް މިހާރުން މިހާރަށް މަސައްކަތްކޮށްދިނުމަށް ވެސް އެ ވުޒާރާއިން ގޮވާލާފައިވެއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފެށި ޢުދުވާނީ ހަމަލާތައް ތިން އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާއިރު، މުޅި ސަހަރު ވަނީ ސުންނާފަތިވެފައެވެ. މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސްއާ ދެމެދު ވަނީ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމެއް ޤާއިމްކުރި ނަމަވެސް ޔަހޫދީންގެ ޙަމަލާތައް އަދިވެސް ދަނީ ޣައްޒާއަށް ތަކުރާރުކޮށް އަމާޒުވަމުންނެވެ. ހަނގުރާމަ ފެށުނު ފަހުން އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ޔަހޫދީން ވަނީ މައުސޫމް ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުން ހިމެނޭ ގޮތަށް ޣައްޒާގެ 74،000 މީހުން ޝަހީދުކޮށްލައިފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި 175،000 މީހުންނަށް ޒަޚަމްވެފައިވެއެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 1،500 ރައްޔިތުން ޝަހީދުކޮށްލައި، 4،200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްކޮށްލައިފައެވެ.