ޚަބަރު

ޔަހޫދީންގެ އައު ހަމަލާތަކެއްގައި ޣައްޒާއިން ތިން މީހުން ޝަހީދުވެއްޖެ


ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ހަމަލާތަކެއްގައި ފަލަސްޠީނުގެ ތިން މީހަކު ޝަހީދުކޮށްލައި، އިތުރު ބަޔަކު ވަނީ ޒަޚަމުކޮށްލައިފިއެވެ. މީގެއިތުރުން، ކުރިން ދިން ބޮމުގެ ހަމަލާއެއްގައި ލިބުނު ފުން ޒަޚަމުތަކަށް ފަރުވާ ހޯދަމުން ދަނިކޮށް، އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ޝަހީދުވެފައިވާ ކަމުގައި ޞިއްޙީ މަޞްދަރުތަކުން ވަނީ ބުނެފައެވެ. މި އައު ގެއްލުންތައް ފަލަސްޠީނުގެ ރައްޔިތުންނާ ކުރިމަތިވެފައި މި ވަނީ، 2025 އޮކްޓޫބަރު 10 އިން ފެށިގެން ޤަތުުލުޢާންމު ހުއްޓާލުމުގެ އެއްބަސްވުމެއް އަމަލީ ގޮތުން ދެމިއޮތް ނަމަވެސް އެއާ ޚިލާފުވެ ޔަހޫދީ ފައުޖުން ހިންގަމުންްދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިންނެވެ. އެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވެ ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެތައް ހާސް ޢާންމުންނެއް ވަނީ ޝަހީދުކޮށްލައި އަދި ޒަޚަމުކޮށްލާފައެވެ.

ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި އޮންނަ އަލް-ޞިނާޢު ކަފިހިހުރަސް ކައިރިން ދަތުރުކުރި ބައިސްކަލަކަށް އަމާޒުކޮށް، ޔަހޫދީންގެ ޑްރޯނަކުން ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައެވެ. މި ހަމަލާގެ ސަބަބުން އެ ބައިސްކަލު ދުއްވަން އިން މީހާއާއި އެ ވަގުތު އެ މަގުމަތިން ހިނގާފައި ދިޔަ މީހަކު ޝަހީދުވެ، އިތުރު ބަޔަކު ވަނީ ޒަޚަމުވެފައެވެ. އަދި، އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމުގައި ރިޕޯޓުތައް ބުނެއެވެ. މި ހަމަލާ ދީފައި ވަނީ ގެދޮރު ގެއްލިފައިވާ ޢާއިލާތަކުން ހިޔާވަހިކަން ހޯދަމުން އަންނަ ވަގުތީ ފޭލިގެތަކުން ފުރިފައިވާ، އާބާދީ އިންތިހާއަށް ބޮޑު ސަރަޙައްދަކަށެވެ.

ހަމަމިއާއެކު، ޣައްޒާގެ ދެކުނުގެ ސަރަޙައްދުގައި ހިމެނޭ ޚާން ޔޫނިސްގެ އުތުރުން އަލް-ޤަރާރާގެ އަލް-މަވާސީ ސަރަޙައްދަށް ޔަހޫދީންގެ ޑްރޯނަކުން ދިން ހަމަލާއެއްގައި ރަމަޟާން މުޙައްމަދު އަބޫ ޝަހާދާ ކިޔާ މީހަކު ވަނީ ޝަހީދުވެފައެވެ. މި ހާދިސާގައި އެ ސަރަހައްދުން އިތުރު މީހަކު ޒަޚަމުވި ކަމުގައި މަޞްދަރުތަކުން ބުންޏެވެ. މީގެއިތުރުން، ދެކުނުގެ ހަމަ އެ ސަރަހައްދުގައި އޮންނަ ޙަމަދު ސިޓީ ކައިރިއަށް ޔަހޫދީން ދިން ބަޑީގެ ހަމަލާތަކެއްގައި އަންހެނަކު ޒަޚަމުވެފައިވާ ކަމަށް ވެސް މަޞްދަރުތަކުން ވަނީ ބުނެފައެވެ.