ޚަބަރު

މުސާރަ އެއްހަމަކުރުމާއި ގުޅޭގޮތުން ޕޭ ކޮމިޝަން މަޖިލީހަށް ހާޒިރުކުރަނީ


  • އައު ޕޭ ފްރޭމްވާކަށް ޢަމަލުކުރަން ފެށީ 2025ގައި

  • މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތްކުރަމުން

މުސާރަ އެއްހަމަކުރުމާ މެދު ހުރި ޝަކުވާތަކާއި ގުޅިގެން، ނޭޝަނަލް ޕޭ ކޮމިޝަން މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

ބުދަދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގައި އެ ހުށަހެޅުން ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަޙުމަދު ޝަމްހީދުއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ. ޕޭ ކޮމިޝަން ހާޒިރުކުރުމަށް ފާސްވީ ކޮމިޓީ އަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ ވޯޓާއި އެކުގައެވެ.

ޕޭކޮމިޝަން މަޖިލީހަށް ހާޒިރުކުރަން ޝަމްހީދު ހުށަހަޅުއްވާފައިވަނީ މުސާރަ އެއްހަމަ ކުރުމާމެދު ހުރި ޝަކުވާތައް ބަޔާންކޮށް ބައެއް އިދާރާތަކާއި މުޢައްސަސާތަކުގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން، މައުލޫމާތު ސާފުކުރުމަށްޓަކައެވެ.

އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފެށިފަހުން އަންނަމުންދާ ބަދަލުތައް ދެނެގަނެ، ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޕޭ ކޮމިޝަނުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކާއި މައްސަލަތައް ބަލައި އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް އެކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕޭ ކޮމިޝަނުން ވިދާޅުވެއެވެ.

އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ދައުލަތުގެ އެކި މުޢައްސަސާތަކުގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިހާރު ކުރިއަށްދާ ރައްޔިތުންގެ ވިންދު ޕްރޮގްރާމްގައިވެސް ބައެއް ފަރާތްތަކުން ވަނީ މުސާރަ އެއް ހަމަކުރުމުގައި ހުރި ކަންބޮޑުވުންތައް ޙިއްސާކުރައްވާފައެވެ. އަދި އެކަންކަމަށް ހައްލު ހޯދައިދެއްވަން މަސައްކަތްކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.