ޚަބަރު

އެޗްއެސްބީސީގެ ޝަރީއާ ފަންޑުން ޔަހޫދީ އަސްކަރިއްޔާއަށް ހަރަދުކޮށްފި


އިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކާ އެއްގޮތަށް ހިންގާ ކަމަށް ބުނާ، އިނގިރޭސިވިލާތުގެ އެޗްއެސްބީސީ ބޭންކުގެ އިސްލާމިކް ފަންޑުން، ޔަހޫދީ އަސްކަރިއްޔާއަށް ހަތިޔާރާއި ޓެކްނޮލޮޖީ ފޯރުކޮށްދޭ ކުންފުނިތަކަށް 130 މިލިޔަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފައިވާކަން ފަޅާއަރައިފިއެވެ.

ވިލާތުގެ ދެވަނައަށް އެންމެ ބޮޑު ބޭންކު ކަމުގައިވާ އެޗްއެސްބީސީގެ 'އިސްލާމިކް ގްލޯބަލް އިކުއިޓީ އިންޑެކްސް ފަންޑަކީ'، މުސްލިމް އިންވެސްޓަރުންގެ ރައްކާކުރެވިފައިވާ ފައިސާ އިސްލާމީ މާލީ އުސޫލުތަކާ އެއްގޮތަށް އިންވެސްޓްކުރުމަށް ހާއްޞަކޮށްފައިވާ، 8 ބިލިޔަން ޑޮލަރަށް ވުރެ ބޮޑު އެސެޓް ހިމެނޭ ފަންޑެކެވެ. މި ފަންޑުގެ ކަންކަން ވިލަރެސްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އިސްލާމީ 2 ޢިލްމުވެރިން ހިމެނޭ މިނިވަން ޝަރީޢާ ބޯޑެއް އޮންނަ ކަމަށް އެ ބޭންކުން ބުނެއެވެ.

އެހެންނަމަވެސް، 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެ ފަންޑުން ކޮށްފައިވާ އިންވެސްޓްމަންޓްތަކުން އެނގޭ ގޮތުގައި، އިސްލާމީ ޝަރީޢަތުގެ އަސާސްތަކާ ފުށުއަރާ ގޮތަށް، ޔަހޫދީ އަސްކަރިއްޔާއާ ސީދާ ގުޅުން އޮންނަ 5 ކުންފުންޏަކަށް އެތައް މިލިއަން ޑޮލަރެއް ވަނީ އިންވެސްޓްކޮށްފައެވެ.

މި ފަންޑުން އިންވެސްޓްކޮށްފައިވާ މައިގަނޑު ކުންފުނިތަކުގެ ތަފުސީލު:

ޕަލަންޓިރް (38.3 މިލިޔަން ޑޮލަރު): ޣައްޒާއަށް ހަމަލާދިނުމުގައި ޔަހޫދީ ސިފައިން ބޭނުންކުރާ އޭއައި ޓެކްނޮލޮޖީ ފޯރުކޮށްދޭ އެމެރިކާގެ ކުންފުންޏެކެވެ.

އާރްޓީއެކް (35.7 މިލިުޔަން ޑޮލަރު): ޔަހޫދީ އަސްކަރިއްޔާއިން ބޭނުންކުރާ ރޭތިއަން މިސައިލާއި ހަނގުރާމަމަތީ މަތިންދާބޯޓުގެ ބައިތައް އުފައްދާ ކުންފުންޏެކެވެ.

އެނަލޮގް ޑިވައިސަސް (20.3 މިލިޔަން ޑޮލަރު): ޔަހޫދީންގެ ޖާސޫސީ އަދި މިސައިލް ނިޒާމުތަކަށް ބޭނުންވާ ސެމީކޮންޑަކްޓަރާއި އިލެކްޓްރޯނިކްސް އުފައްދާ ކުންފުންޏެކެވެ.

ހަނީވެލް (18.9 މިލިޔަން ޑޮލަރު): ޔަހޫދީންގެ ހަތިޔާރުތަކުން ސީދާ އަމާޒަށް ހަމަލާދިނުމަށް ބޭނުންކުރާ ސެންސަރުތަކާއި ގައިޑަންސް ޑިވައިސްތައް އުފައްދާ ކުންފުންޏެކެވެ.

ރޯލްސް-ރޮއިސް (17.6 މިލިޔަން ޑޮލަރު): ޔަހޫދީ އަސްކަރިއްޔާގެ މަރްކަވާ ޓޭންކުތަކަށާއި ހަނގުރާމަމަތީ އުޅަނދުތަކަށް އިންޖީނު ފޯރުކޮށްދޭ އިނގިރޭސި ކުންފުންޏެކެވެ.

އިސްލާމީ މާލީ މިންގަނޑުތަކާ ގުޅޭގޮތުން ޑަރަމް ޔުނިވަރސިޓީގެ ފައިނޭންސް ޕްރޮފެސަރ މުޙައްމަދު އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ކުންފުނިތަކުގެ ވިޔަފާރީގެ އަސްލު ބޭނުމާއި، އުފެއްދުންތައް ބޭނުންކުރެވޭ ދާއިރާތަކަށް ރިޢާޔަތްނުކޮށް، ހަމައެކަނި އާންމު ސެކްޓަރަށް ބަލައިގެން ސްކްރީން ކުރުމަކީ ބޮޑު ގޯހެކެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން އެޗްއެސްބީސީގެ ތަރުޖަމާނު ވިދާޅުވީ، ކަސްޓަމަރުންގެ ކަންބޮޑުވުންތައް ނުހަނު ސީރިއަސްކަމާއެކު ބަލައިގަންނަ ކަމަށާއި، މި އިންވެސްޓްމަންޓްތައް އަލުން މުރާޖަޢާކޮށް އަވަސް ފިޔަވަޅުތަކެއް އަޅައި އެކަން އިންވެސްޓަރުންނާ ހިއްސާކުރާނެ ކަމަށެވެ.