“ތިޔަ ބުނަނީ އަހަންނަށް މަދަރުސާއަށް ނާދެވޭނެޔޭ ހެއްޔެވެ؟ އަހަރެން އަހަރެންގެ ދީން ދޫކޮށްލަންވީ ސަބަބަކީ ކޮބާ؟”
މިއީ އަޒަރުބައިޖާންގެ އަންހެން ދަރިވަރަކު އޭނާގެ މަދަރުސާގެ ގޭޓު ކައިރީގައި ހުރި މަދަރުސާގެ މުވައްޒަފަކާ ކުރި ސުވާލުތަކެވެ. އެއީ ބުރުގާ އަޅައިގެން ހުރުމުގެ ސަބަބުން އެ ދަރިވަރު މަދަރުސާގެ އެތެރެއަށް ވަނުމުގެ ފުރުޞަތު ދިނުމަށް އެ މުވައްޒަފު ދެކޮޅުހެދުމުންނެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އަޒަރުބައިޖާނުން ވަނީ މަދަރުސާތަކުގެ ޔުނިފޯމް ކޯޑަށް ގެނެސްފައިވާ ބަދަލެއް ތަންފީޒުކުރަން ފަށައިފައެވެ. އެ ޤަވާއިދާމެެދު ހިތްހަމަނުޖެހިގެން އެ ޤައުމުގެ ވެރިކަންކުރާ ރަށް، ބާކޫ ހިމެނޭހެން އެކި ސަރަޙައްދުތަކުގައި ދައުލަތުން ހިންގާ މަދަރުސާތަކުގެ ބޭރުގައި ވަނީ މުޒާހަރާތައް ކުރަން ފަށައިފައެވެ. 10.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަޒަރުބައިޖާންގައި މި ފަދަ ގޮތަކަށް މުޒާހަރާ ކުރުމަކީ މަދުން ނޫނީ ވާކަމެއް ނޫނެވެ.
އަޒަރުބައިޖާނުގެ އާބާދީގެ 96 އިންސައްތައަކީ މުސްލިމުންނެވެ. މުސްލިމުންގެ އެހާ ބޮޑު އާބާދީއެއް އެ ޤައުމުގައި އޮތް ނަމަވެސް އެ ޤައުމުގެ ސަރުކާރުން ވަނީ މަދަރުސާތަކުގައި ދައުލަތާއި ދީނާ ވަކިކުރާ ‘ސެކިއުލާ’ އުސޫލުތަކާ ޚިލާފުވާ އެއްވެސް ހެދުމެއް ބޭނުން ނުކުރެވޭނެ ކަމަށް އައު ޤަވާއިދުގައި ބުނެފައެވެ. އެ ޤަވާއިދުގައި ސީދާ ބުރުގާގެ ވާހަކަ ލިޔެފައި ނެތަސް، ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ފާސްކުރި އެ ޤަވާއިދަށް ދަރިވަރުންގެ އިތުރުން މުދައްރިސުން ވެސް ޢަމަލުކުރަން ޖެހޭނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.
އަޒަރުބައިޖާނުގެ ޤާނޫނު އަސާސީގައި އެ ޤައުމު ސިފަކޮށްފައި ވަނީ ދައުލަތާއި ދީން ވަކިކޮށްފައި އޮންނަ ޤައުމެއްްގެ ގޮތުގައެވެ. ނަމަވެސް ބޭނުން ދީނަކަށް އުޅުމުގެ ފުރުޞަތު ވެސް ހަމަ އެ ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވެއެވެ. ކަން މިހެން އޮތް ނަމަވެސް، އައު ޤަވާއިދުގެ ދަށުން މަދަރުސާތަކުން ދަނީ ބުރުގާ އަޅާ ދަރިވަރުންނާއި މުދައްރިސުންނަށް ހުރަސްއަޅަމުންނެވެ.
ބުރުގާގެ މައްސަލައިގައި މުޒާހަރާތައް ކުރަމުންދާއިރު، އެ މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 37 މީހުން ހައްތަރުކޮށްފައިވާ ކަމަށް އަޒަރުބައިޖާނުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.
ބުރުގާ އަޅާ ދަރިވަރެއްގެ މަންމަ ކަމަށްވާ ޝާހިޒާ ޙުސައިނޯވާ ވެސް ދަނީ އޭނާގެ ދަރިފުޅުގެ މަދަރުސާ ދޮށުގައި ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ. ކަމާބެހޭ އިދާރާތަކުން ޙުސައިނޯވާއަށް އިންޒާރުދީ އޭނާއަށް ދެ އިޚްތިޔާރު ދީފައިވާ ކަމަށް އޭނާގެ ޢާއިލާއިން ބުނެއެވެ. އެއްގޮތަކީ ބުރުގާ ބާލުވާފައި އޭނާގެ ދަރިފުޅު މަދަރުސާއަށް ފޮނުވުމެވެ. ދެވަނަ ގޮތަކީ ޙުސައިނޯވާ ޖަލަށް ގެންދިޔުމެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ދަރިވަރުން މަދަރުސާއަށް ދިޔުމުގެ ފުރުޞަތު ދިނުމަށް ގޮވާލާ މަންސައެއް އިންޓަނެޓުގައި ޤާއިމްކުރި އެކްޓިވިސްޓެއް ކަމަށްވާ އިލްކިން ހުސޭނޮވްއަށް ވީނުވީއެއް ނޭނގޭ ކަމަށް އޭނާގެ ރައްޓެހިން ބުނެއެވެ. އެ މަންސަ މެދުވެރިކޮށް މަދަރުސާއަށް ދިޔުން މަނާކޮށްފައިވާ ބުރުގާއެޅި ދަރުވަރުންނަށް ދަރުމަވެރި މުދައްރިސުން ހިލޭ ކިޔަވައިދެއެވެ. ހުސޭނޮވްގެ ރަހުމަތްތެރިއަކު ބުނީ ހުސޭނޮވް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 14ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނުދަންނަ ބަޔަކާއެކު އޭނާގެ ގެއިން ނިކުމެގެން ދާތަން އެ ދުވަހު ވަނީ ފެނިފައެވެ. އޭގެ ފަހުން އޭނާގެ ފޯނު އޮންނަނީ ނިއްވާލާފައި ކަމަށް ރަހުމަތްތެރިޔާ ބުންޏެވެ. އޭނާގެ ރައްޓެހިން ޤަބޫލުކުރަނީ ކަމާބެހޭ އިދާރާތަކުން އޭނާ ބަންދުކޮށްފައިވާ ކަމަށެވެ. އޭނާގެ ޚަބަރެއް ނުވާތާ އެއް ދުވަސްވި ފަހުން އޭނާ ހިންގި މަންސައިގެ އިންސްޓަގްރާމް ޕޭޖު ވެސް ވަނީ ގެއްލިފައެވެ.
މުޒާހަރާތައް ފެށި ފަހުން އިންސްޓަގްރާމްއާއި ޓިކްޓޮކްއަށް ވީޕީއެންއެއް ނެތި ވަނުމަށް އާންމުންނަށް ވަނީ ދަތިވެފައެވެ.
ބުރުގާ އަޅާ ބައެއް މުދައްރިސުންނާއި ދަރިވަރުން ބުނަމުން ދަނީ ބުރުގާ އެޅުމަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ. އެހެންކަމުން ބުރުގާ ނޭޅުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށާއި، ބުރުގާ ނޭޅުމަކީ ވެސް އެ މީހުންނަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށް ދަރިވަރުންނާއި މުދައްރިސުން ދަނީ ބުނަމުންނެވެ. ނަމަވެސް އަޒަރުބައިޖާނުގެ ސަރުކާރުން ބުނަމުންދަނީ ކުޑަކުދިންނަށް ދީނެއް ޚިޔާރު ކުރުމުގެ މިނިވަންކަން ލިބިފައި ނުވާ ކަމަށާއި، އެ ކުދިން ބަލައި ނަކަލު ކުރަނީ ބޮޑެތި މީހުން އުޅޭ ގޮތް ކަމަށެވެ.