ޚަބަރު

ސަރުކާރުން މިހާތަނަށް މުޅި ރާއްޖޭގައި 110 ކަނދުފަތި ޤާއިމުކޮށްފި


  • 56 ދޮށީ ކަނދުފައްޗާއި 54 ވަދު ކަނދުފަތި ވަނީ ޤާއިމުކޮށްފައި

  • އަންނަ ފެބުރުވަރީގެ ނިޔަލަށް ކަނދުފަތީގެ ވިއުގަ ޤާއިމުކުރުމުގެ މަސައްކަތް ނިމޭނެ

ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި، މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނދުފަތިތައް ޤާއިމުކޮށް، ހަލާކުވެފައިވާ ކަނދުފަތިތައް އަލުން މަރާމާތު ކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއްދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތްތަކެކެވެ.

މި މަޝްރޫޢުގެ ދަށުން، މިހާތަނަށް މުޅި ރާއްޖޭގައި 110 ކަނދުފަތި ވަނީ ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ 56 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަދި ފަރު މަސްވެރިކަމަށް ޚާއްސަ 54 ވަދު ކަނދުފައްޗެވެ.

މި ސަރުކާރުން މިހާތަނަށް ޤާއިމުކުރި ކަނދުފަތިތަކުގެ ތެރޭގައި ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ ދޮށީ ކަނދުފަތީގެ އިތުރުން، ސްޕޯޓްސް ފިޝިންގ އަދި ފަރު މަސްވެރިކަމަށް ޚާއްސަ ވަދު ކަނދުފަތިތައް ހިމެނެއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރެކެވެ. މިދިޔަ އަހަރު އެކަނިވެސް ސަރުކާރުން ވަނީ 44 ވަދު ކަނދުފައްޗެއް އަޅާފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިދިޔަމަހު ރާއްޖޭގެ އިތުރު 10 ސަރަޙައްދެއްގައި ކަނދުފަތި ޤާއިމުކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި 9 ދޮށީ ކަނދުފައްޗާއި، 1 ވަދު ކަނދުފަތި ހިމެނެއެވެ.

މިދިޔަމަހު ކަނދުފަތިތައް ޤާއިމުކޮށްފައިވާ ސަރަޙައްދުތައް:

• 08 ސެޕްޓެމްބަރ 2026 - ގއ. ދާންދޫ އިރުން 16 މޭލު ބޭރުގައި
• 09 ސެޕްޓެމްބަރ 2026 - ގދ. ގައްދޫ ދެކުނުން 14 މޭލު ބޭރުގައި
• 10 ސެޕްޓެމްބަރ 2026 - ޏ. ފުވައްމުލަކު އިރުން 10 މޭލު ބޭރުގައި
• 12 ސެޕްޓެމްބަރ 2026 - ސ. ވިލިނގިލީ އިރުން 15 މޭލު ބޭރުގައި
• 13 ސެޕްޓެމްބަރ 2026 - ސ. ހިތަދޫ ހުޅަނގު އުތުރުން 13 މޭލު ބޭރުގައި
• 26 ސެޕްޓެމްބަރ 2026 - މ. މުލަކު އިރު ދެކުނުން 13 މޭލު ބޭރުގައި
• 27 ސެޕްޓެމްބަރ 2026 - މ. ދިއްތުނޑީ އިރު ދެކުނުން 16 މޭލު ބޭރުގައި
• 28 ސެޕްޓެމްބަރ 2026 - ތ. ގުރައިދޫ އިރު ދެކުނުން 9 މޭލު ބޭރުގައި
• 29 ސެޕްޓެމްބަރ 2026 - ލ. މާބައިދޫ އިރުން 11 މޭލު ބޭރުގައި
• 30 ސެޕްޓެމްބަރ 2026 - ގއ. މާމުޓާ އިރުން 12 މޭލު ބޭރުގައި

ކަނދުފައްޗަކީ މަސްވެރިންގެ އާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށްވާތީ، ކަނދުފަތި ކަނޑައިގެން ދިއުމުން ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

އޮއިވަރާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނދުފަތި އަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއްވެސް ވަނީ ގެނެސްފައެވެ.

ރާއްޖޭގައި މިހާތަނަށް ބޭނުންކުރަމުންދިޔަ 40 އަހަރުވީ ބާ ފަރުމާގެ ބަދަލުގައި، މި އައު ޑިޒައިނާއެކު ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މީގެއިތުރުން، މުޅި ރާއްޖޭގައި ވަދު ކަނދުފަތީގެ ވިއުގައެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށްވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ.