ޚަބަރު

އިންވެސްޓުމަންޓާއި ޤާނޫނުތަކާއެކު ދަނޑުވެރިކަން އިތުރު ހަރުފަތަކަށް


  • މިއަހަރު މި ފާހަގަކުރަނީ 17 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަސް

  • ދަނޑުވެރިކަން ފުޅާކުރުމަކީ ސަރުކާރުން ހާސިލުކުރަން އަމާޒުހިފާފައިވާ އެއް ލަނޑުދަނޑި

ދިވެހިރާއްޖޭގެ ފަސްގަނޑަކީ ޒަމާނުއްސުރެ ދިވެހިންގެ ބަނޑުފުރާނަމުއްތިކޮށްދިން ގުދުރަތީ ބޮޑު ނިޢުމަތެކެވެ. ދިވެހި ބިންތަކަކީ ފައިދާހުރި ބައެއް މޭވާއާއި ތަރުކާރީގެ އިތުރުން ގޮވާމާއި ފަލަމަޑީގެ ބާވަތްތައް އިންދައި މުޑުވައްކުރުމަށް އެކަށޭނަ ބިންތަކެއްކަން ކާބަފައިން ވަނީ އަމަލީ ގޮތުން ސާބިތުކޮށްދީފައެވެ.

ނަމަވެސް ޒަމާނާއެކު އިމްޕޯޓަށް ބަރޯސާވާ މިންވަރު އިތުރުވެ ދަނޑުވެރިކަން ފަހަތަށް ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މިއަދު މިވަނީ ވަރުގަދަ ބިންގަލެއް އެޅިފައެވެ. ރާއްޖޭގައި ޤައުމަށް ފުދޭވަރަށް ކާނާގެ ޔަޤީންކަން ޤާއިމުކުރެވޭ މިންވަރަށް ދަނޑުވެރިކަން ފުޅާކުރުމަކީ މިއަދުގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ހާސިލުކުރަން އަމާޒުހިފާފައިވާ އެއް ލަނޑުދަނޑިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން މިހާރު ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ވިޔަފާރީގެ އުސޫލުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި މީހުން ދިރިއުޅޭ 10 ރަށަކާއެކު މިހާރު ވެސް ހާއްސަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ދާއިރާއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އިންވެސްޓްމެންޓްތައް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން މިފަހުން ތަސްދީޤުކުރެވުނު ފަޅުރަށްރަށާ ބެހޭ އައު ޤާނޫނަކީ މި ދާއިރާއަށް ލިބުނު ވަރަށް މުހިންމު ހައްލެކެވެ.

މާޒީއަށް ބަލާއިރު ފަޅުރަށްތައް ދޫކޮށްގެން ދަނޑުވެރިކަން ކުރިއަރުވަން ފެށި ގިނަ މަޝްރޫޢުތައް ވަނީ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގޮސް ހުއްޓިފައެވެ. އެހެންކަމުން މި އައު ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ޤާނޫނުގެ ދަށުން ހަދަންޖެހޭ ހަރުދަނާ ޤަވާއިދުތައް އެކުލަވާލެވިގެން ދިޔުމަކީ ދަނޑުވެރިކަމުގެ ދާއިރާއަށް ބޮޑެތި، އިތުބާރުހުރި އިންވެސްޓްމެންޓުތައް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއަށް ގެންދިޔުމަށް ލިބިގެންދާނެ ބޮޑު ބާރެކެވެ.

ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީ ފެންވަރަކަށް ގެންދިޔުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް އުއްމީދީ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ. އެގޮތުން ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އަމަލުކުރަން ފެށި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް އަކީ ދަނޑުވެރިކަމުގެ ސިނާއަތް އިންގިލާބީ ބަދަލަކާ ދިމާއަށް ގެންގޮސްދޭނެ މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް އައު ޓެކްނޮލޮޖީއާއި ވަސީލަތްތަކާއެކު ސިނާއަތް އިތުރަށް ފުޅާކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށާއި ދަނޑުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކަކާއި ފައިދާތަކެއް ލިބިގެންދާނެއެވެ.

މިފަދަ ހެޔޮ ބަދަލުތަކަކާއެކު ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރަމުން އަންނައިރު، ދަނޑުވެރިންގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަކީ ވެސް ޤައުމީ ފެންވަރުގައި ކުރެވެމުން އަންނަ ކަމެކެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ޤައުމީ ދަނޑުވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު، މިއަހަރު މި ފާހަގަކުރަނީ 17 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރަކީ "މިއަދުގެ އީޖާދުން، މާދަމާގެ ދިރުން" މި ޝިޔާރެވެ.

އައު ޤާނޫނީ އޮނިގަނޑުތަކާއި، ވިޔަފާރީގެ އެއްބަސްވުންތަކާއި އަދި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު، ރާއްޖޭގެ ދަނޑުވެރިކަން މިއަދު މިސްރާބު ޖަހާފައިވަނީ އައު އުސްމިންތަކަކަށެވެ.