މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ގަވާއިދާ ޚިލާފަށް ދުއްވި ސައިކަލުގައި އިން އެކަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި މި މަހުގެ 7ވަނަ ދުވަހުގެ ރޭ ދަންވަރު 2:55 ހާއިރު އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުން ވަންވޭއާ ޚިލާފަށް ދުއްވި ސައިކަލެއް އެހެން ސައިކަލަކާޖެހިގެންނެވެ. މި އެކްސިޑެންޓުގައި 5 މީހަކަށް ވަނީ އެކިވަރުގެ ހާނިކަވެފައެވެ.
ވަންވޭއާ ޚިލާފަށް ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލެކެވެ. އެ ސައިކަލު ދުއްވީ 3 މީހުން އަރައިގެން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި 3 މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އިރުމަތީގެ / ލ.މާމެންދޫ، އުމުރުން 27 އަހަރުގެ މުޙައްމަދު ސައިފް ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ފަރުވާއަށްފަހު ދޫކޮށްލުމުން، މި މަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މުޙައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީއާއި ރޯޑުވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.