އައްޑޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލާގައި ހުކުމްކޮށްފައި ހުއްޓާ ޕެރޯލްގެ ދަށުން ޢަބްދުﷲ އިބްރާހިމް ދޫކޮށްލި މައްސަލާގައި ކަން ހިނގައިދިޔަ ގޮތް ލިޔުމުން ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމަވައިފިއެވެ.
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަ ސާބިތުވެ ޢަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމް އިއްވީ، މިދިޔަ އަހަރުގެ މެއި މަހުގެ 19ގައެވެ. ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލީ، މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. ޕެރޯލް ބޯޑުން ޢަބްދުﷲ އިބްރާހިމް ދޫކޮށްލީ ޤާނޫނާ ޚިލާފަށް ކަމަށާއި، މިކަމާއި ގުޅިގެން އެބޯޑުގެ މެންބަރުންނާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ދާޚިލީ ވަޒީރު ވަނީ ހާމަކުރައްވާފައެވެ. މިމައްސަލައާ ގުޅިގެން ބޯޑުގެ މެންބަރުން ވަނީ، ވަކިކޮށްފައެވެ.
މިއަދު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ކުރިއަށް ދިޔައީ، ޢަބްދުﷲ އިބްރާހިމް ދޫކޮށްލުމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ މައްސަލާގައި ގޮތެއް ނިންމުމެވެ.
މިއަދު ކޮމިޓީގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ، އޭނާ ދޫވި ގޮތް ބަލަންޖެހޭ ކަމަށެވެ. އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވީ، ޢަބްދުﷲ އިބްރާހިމް ދޫކޮށްލުމަށް ނިންމިއިރު ޕެރޯލް ބޯޑުގައި ތިބި ބޭފުޅުން ވަކިކުރި ނަމަވެސް އެ މައްސަލަ އެ ހިސާބުން ނިންމާލެވެން ނެތްކަމަށެވެ. އެ މައްސަލާގައި ކަން ހިނގައި ދިޔަ ގޮތް އާއްމުންނަށް ސާފުކޮށްދިނުމަކީ، ކޮމިޓީގެ ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ބަލައި ސާފުކުރުމަށް ޝާހިދު ވަނީ ހުށަހަޅުއްވާފައެވެ. ޝާހިދުގެ އެ ހުށަހެޅުމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ވަނީ ތާއީދު ކުރައްވާފައެވެ. އަދި ޕެރޯލް ބޯޑު މެމްބަރުން މިވަގުތު ނެތުމާއެކު، ލިޔުމުން ކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށް މެމްބަރުން ވަނީ ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުން ފާސްވީ، ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުންނެވެ.
"މިފަދަ ކަންކަން ބަލަން އެބަޖެހޭ. ލިޔުމުން މިކަމުގައި ކަން ހިނގައި ދިޔަ ގޮތް ސާފުކުރަން ފެނޭ." ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވީ، ޕެރޯލް ބޯޑުން ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ދޫކޮށްލީ ކިހިނެތްކަން ސާފުވާންޖެހޭ ކަމަށެވެ. ޕެރޯލްގެ އުސޫލުގެ ދަށުން ނުރަނގަޅުކޮށް މީހަކު ދޫކޮށްލުމުން ބޯޑު މެމްބަރުން ވަކިކުރުމުން ނުވަތަ އެކަން ކުރި މީހުން އިސްތިއުފާ ދިނުމަކީ ހައްލެއް ނޫންކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބަލަންޖެހޭ ކަންކަން ބަލާ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅެން ޖެހޭނެކަމަށް އަމީން ވިދާޅުވިއެވެ.
"އެ މީހަކު ހަވާލުވާ ޒިންމާއެއްގައި ކުށްވެރި ވަންޏާ ކުށްވެރިވާން. ނޫނީ ޖޫރިމަނާވަންޏާ ޖޫރިމަނާވާން. އެ ޒިންމާއާ ދެވަނަ ފަަހަރު ހަވާލު ނުކުރެވޭނެ ގޮތަކަށް ކަންކަން ކުރެވެންޖެހޭ. ވަކިކުރި ބޯޑުގެ މެމްބަރުންނާމެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅެއް އަޅަންޖެހޭ." ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވިއެވެ.
ޕެރޯލަކީ، ޖަލު ހުކުމެއް ތަންފީޒުކުރާ ޤައިދީއަކު އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޝަރުތުތަކެއް ކުރުމަށްފަހު މުޖުތަމައުއަށް އަނބުރާ ދޫކޮށްލުމެވެ.
މި މައްސަލައާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލީ ޤާނޫނީގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ނުބަލައި ކަމަށާއި، އެއީ ސިޔާސަތުތަކާވެސް ޚިލާފު ނިންމުމެއް ކަމަށެވެ. އެހެންވެ ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލަން ނިންމި ބޯޑުގެ 6 މެންބަރުން ވަކިކޮށްފައިވާ ކަމަށާއި އަލުން ބޯޑަށް މެންބަރުން އައްޔަންކޮށް، ބޯޑުގެ ކަންކަން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.