ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިލް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ފަހު ހާފުގައި ޖެހި ތިން ލަނޑާއެކު 3-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެއެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި 57 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފުގައި އާސެނަލް އިން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށްފައެވެ.
މި މެޗަށް އާސެނަލްއިން ނިކުތްއިރު ކޯޗު މިކޭލް އާޓޭޓާ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. ލީގުގައި އާންމުކޮށް ފުރަތަމަ ޓީމުން ފުރުސަތު ދޭ ކައި ހަވަޓްޒް އާއި ބުކަޔޯ ސަކާގެ އިތުރުން މާޓިން އޮޑެގާޑް މެޗު ފަށާފައިވަނީ ބެންޗުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ މާ ރަގަޅު ފުރުސަތެއް ނުލިބުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް އާސެނަލްއިން ވަނީ ލަނޑު ޖަހާ ކުރި ހޯދާފައެވެ.
އާސެނަލްއިން މި މެޗުގައި ލިލްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 64 ވަނަ މިނިޓުގައި އަރިމަތިން ނޮނީ މަޑުއެކޭ ނަގައިދިން ހުރަހަކުން ޑިފެންޑަރ ޖުރިއެން ޓިމްބަރ އެވެ.
އާސެނަލްއިން ލަނޑު ޖަހާ ލީޑު ނެގުމާއިއެކު އާޓޭޓާ ވަނީ ޓިމަށް އެއް ފަހަރާ ތިން ބަދަލު ގެނެސްފައެވެ. އެގޮތުން މިކޭލް މެރީނޯ އާއި ނޮނީ މަޑުއެކޭގެ އިތުރުން ވިކްޓަރ ޔޯކޭރެސްގެ ބަދަލުގައި މާޓިން އޮޑެގާޑް އާއި ބުކަޔޯ ސަކާގެ އިތުރުން ކައި ހަވަޓްޒްވަނީ ކުޅެން އަރުވާފައެވެ.
މި ބަދަލުތައް ގެނައިތާ ދެވަނަ މިނިޓުގައި ސަކާގެ އެސިސްޓަކުން އެބެރޭޗީ އެޒޭވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. އަދި އޭގެ 4 މިނިޓު ފަހުން ހަވަޓްޒް ދިން ޕާހަކުން ބުކަޔޯ ސަކާވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
މި ނަތީޖާ އާއިއެކު އާސެނަލްއިން ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު 2 މެޗުންވެސް މޮޅުވެ 6 ޕޮއިންޓް ހޯދާފައެވެ.