ކުޅިވަރު

ރާއްޖެއަށް އިހްތިރާމް ކުޑަކުރި ލަންކާ ކޯޗަށް 5000 ޑޮލަރުގެ ސަސްޕެންޝަނެއް


  • ކޯޗަށް ފިޔަވަޅު އެޅީ ލަންކާއިން ވެސް ކޯޗަށް އަދަބު ދޭން ނިންމާފައިވަނިކޮށް

  • ލަންކާއިން ނިންމީ 2 އަހަރަށް ފުޓުބޯޅައިގެ ހަރަކާތްތަކުން ކޯޗު ސަސްޕެންޑުކުރުމަށް

  • ލަންކާ ކޯޗު ވަނީ ކުޅުންތެރިންނާއި އޮފިޝަލުންނާ ބޭއަދަބީކޮށް ވާހަކަ ދައްކައިފައި

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރާއްޖެ އަތުން ބަލިވުމުން ދިވެހިންނަށް މުހާތަބްކޮށް އިހްތިރާމް ކުޑަކޮށް ވާހަކަ ދައްކައި، ބޭއަދަބީކޮށް އުޅުނު ސްރީލަންކާގެ ކޯޗު މުހައްމަދު އިމްރާން ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

ސެޕްޓެމްބަރު މަހު ކުރީކޮޅު މިޔަންމާގައި ކުޅުނު މި މެޗަށް ފަހު ހިނގައިދިޔަ ކަންތައްތައް އަޚުލާގީ މައްސަލައެއްގެ ގޮތުގައި މިކަން ބެލުމަށްފަހު އޭއެފްސީން ނިންމާފައިވަނީ 5000 ޑޮލަރު ކޯޗު ޖޫރިމަނާ ކުރުމަށެވެ.

އޭޝިޔާގެ މައި ފުޓުބޯޅަ އިދާރާއިން ކޯޗަށް ފިޔަވަޅު އެޅީ ލަންކާއިން ވެސް މި ކޯޗަށް އަދަބު ދޭން ނިންމާފައިވަނިކޮށެވެ. މި ގޮތުން ލަންކާއިން ނިންމާފައިވަނީ ދެ އަހަރު ދުވަހަށް ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން އޭނާ ސަސްޕެންޑް ކުރުމަށެވެ.

ރާއްޖެ އަތުން 4-0އިން ބަލިވުމުން ކޯޗު ވަނީ މެޗުގެ ރެފްރީންގެ ނިންމުންތަކާމެދު ވެސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި އޭނާ ވަނީ ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ވެސް ވަރަށް ބޮޑަށް ދިމާކޮށް، ބޭއަދަބީ ބަސްތަކުން ވާހަކަ ދައްކައިފައެވެ.

ލަންކާ ފުޓުބޯޅަ ފެޑަރޭޝަނުން ބުނީ ކޯޗުގެ މި އަމަލަކީ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ހުރި މީހެއްގެ ފަރާތުން ފެނިގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި އޭނާގެ ފަރާތުން ފެނުނު އަމަލުތައް އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭނެ ކަމަށާއި ފިޔަވަޅު އަޅަން ނިންމީ ފުޓުބޯޅައިގެ އެންމެންގެ ހެވަށް ކަމަށެވެ.

ރާއްޖެ އަތުން މި މުބާރާތުގައި ބަލިވިއިރު ލަންކާ ދިޔައީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ގްރޫޕުގެ ފުލަށެވެ. މިއާ ހިލާފަށް ރާއްޖެ ވަނީ މުބާރާތުގެ ކޮލިފައިން ބުރުން ޖާގަ ހޯދައިފައެވެ.

ލަންކާ އާއި ދިވެހިރާއްޖެ އަކީ ފުޓްބޯޅައިގައި ދިގު މާޒީއެއް އޮތް ދެ ގައުމެވެ. ޚާއްސަކޮށް 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ލަންކާ ބަލިކޮށް ރާއްޖެ ފައިނަލަށް ދިޔަ ފަހުން މި ދެ ގައުމުން އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިހްތިރާމް ބޮޑެވެ. އަދި ޚާއްސަކޮށް ލަންކާގެ ކުޅުންތެރިން ރާއްޖޭގައި ކުޅުނު މިންވަރު އިތުރުވުމާއި އެ ގައުމުގެ ފުޓުބޯޅައިގެ އެހީ ރާއްޖެ އަށް ލިބިފައިވާ މިންވަރު ބޮޑުވުމަކީ ވެސް މީގެ ސަބަބެވެ.