މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބި ވަނިކޮށް، ހުރްމުޒް ކަނޑުއޮޅީގައި ދެމުންދާ ހަމަލާތައް އަނެއްކާ ވެސް އިތުރުވެއްޖެއެވެ.
އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު، އައިއާރްޖީސީގެ ކަނޑުގެ ސިފައިން ބުނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ސުޕަރޓޭންކަރެއް އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުގެ ރޭ މައިންއެއްގައި ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ޙުއްދަ ދީފައި ނުވާ މަގަކުން ދަތުރުކުރަނިކޮށް އެ ޓޭންކަރު މައިންގައި ޖެހުމުން އުޅަނދުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާ ކަމަށް އައިއާރުޖީސީއިން ބުނެފައިވެއެވެ. އޭރު އެ އުޅަނދު ދަތުރުކުރަމުންދިޔައީ ޓްރާންސްޕޮންޑަރު ނިވާލައިގެން ކަމަށް ވެސް އައިއާރުޖީސީއިން ބުނެފައިވެއެވެ.
އައިއާރުޖީސީއިން ނެރުނު ބަޔާނެއްގައި ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގައި ސަލާމަތީ ކަންކަމާއި ޤަވާއިދުތަކަށް ކަމޭނުހިތާ ކޮންމެ އުޅަނދަކަށް އެ ފަދަ ކަމެއް މެދުވެރިވުން އެކަށީގެންވާ ކަމަށް ބުނެ އިންޒާރު ދީފައެވެ.
އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު އީރާނުގެ އަސްކަރިއްޔާގެ އިސްވެރިއެއް ކަމަށްވާ ޙަބީބުالله ސައްޔާރީ ވިދާޅުވީ ޙަމަލާއިން ދިފާޢުވުމުގެ އިތުރުން ހަމަލާ ދިނުމަށް ވެސް އީރާނުގެ އަސްކަރިއްޔާއިން ތައްޔާރަށް އޮތް ކަމަށެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން އީރާނުން ދުޝްމަން އުޅަނދުތަކަށް ހަމަލާތައް ދީފައިވާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އީރާނާ ދެކޮޅަށް އިތުރު ކަންކަން ހިންގާނަމަ އަނެއްކާ ވެސް އީރާނުން ހަމަލާ ދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުގެ ކަނޑުމަގުން ކުރާ ވިޔަފާރިއާ ގުޅޭ އިދާރާ، ޔޫކޭއެމްޓީއޯއިން ވަނީ ހުރްމުޒް ކަނޑުއޮޅި އަދި ގަލްފް އޮފް ޢޮމާންގައި އެއް ދުވަހުގެ ތެރޭގައި ގިނަ ޢަދަދެއްގެ އަސްކަރީ ޙަރަކާތްތަކެއް ހިންގައި، އުޅަނދުފަހަރަށް އިންޒާރުތައް ދީފައިވާ ކަމަށް ފާހަގަކޮށްފައެވެ. ޔޫކޭއެމްޓީއޯއިން ބުނީ އެކުވެރި ޢަރަބި އިމާރާތުގެ ރަސް އަލްޚައިމާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތަކަށް، އެ އުޅަނދުތަކުން ނަގިލި އަޅާފައިވާ ސަރަޙައްދު ދޫކޮށް އެހެން ސަރަޙައްދަކަށް ދިޔުމަށް ރޭޑިޔޯ ބްރޯޑްކާސްޓު މެދުވެރިކޮށް އަންގާފައިވާ ކަމަށެވެ. އޭގެ ފަހުން އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު ހުރްމުޒް ކަނޑުއޮޅިން ނުކުތުމަށް ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ވައިގެ ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.