ސެޕްޓެންބަރު މަހު މީރާއަށް 2.6 ބިލިޔަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ.
މި އަދަދަކީ އެމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.7 އިތުރު އަދަދެކެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއީ %10.7 ގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު މިއީ %8.9 ގެ ކުރިއެރުމެކެވެ.
މިއަހަރުގެ ސެޕްޓެންބަރަށް އަންދާޒާކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖީއެސްޓީއާއި، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ޚާއްޞަކޮށް ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އިތުރުވެފައިވަނީ، މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %18 އިތުރުވުމާ ގުޅިގެންނެވެ. ހަމައެއާއެކު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު ޢަދަދު ވެސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ މައްޗަށް ގޮސްފައެވެ. ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީގެ %15.8 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %17.4 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.
ސެޕްޓެންބަރު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީ %10.7 ދަށްވި މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި އާންމުދާއިރާގެ ޖީއެސްޓީ ދަށްވުމެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މިއަހަރު ސެޕްޓެންބަރުގައި ވަނީ ޖުމްލަ 623 މިލިޔަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 395 މިލިޔަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 87 މިލިޔަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 123 މިލިޔަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 8 މިލިޔަން ރުފިޔާ ވަނީ ހޯދައިފައެވެ.
މިއަހަރުގެ ސެޕްޓެންބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ %46.8 ނުވަތަ 1.3 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިސޯޓުތަކުގެ ކުލިންނެވެ. އެއީ 424 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 213 މިލިޔަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 202 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި177 މިލިޔަން ރުފިޔާ އަދި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 173 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ސެޕްޓެންބަރުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 126.8 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 28 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 1.2 ބިލިޔަން ޑޮލަރުވެސް ހިމެނެއެވެ.