ރާއްޖޭގެ އަތޮޅުތަކަށް އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބާވަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް އިގުތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ރާއްޖޭގެ އަތޮޅުތަކަށް އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް ފޯރުކޮށްދެމުން ދިޔައީ ހަނޑޫ، ހަކުރު އަދި ފުށެވެ.
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި، ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަސާސީ ބާވަތްތަކުގެ ލިސްޓު 26 ބާވަތުން 80 ބާވަތަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން އެސްޓީއޯއިން މިހާރު ވަނީ، މި 80 ބާވަތް ރާއްޖެއަށް އެތެރެކުރަން ފަށާފައެވެ.
• 20 ބާވަތުގެ މޭވާ
• 20 ބާވަތުގެ ތަރުކާރީ
• އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ ކާބޯތަކެތީގެ 37 ބާވަތް
• ކާބޯތަކެތި ނޫން އަސާސީ 3 ބާވަތް
އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް، އެސްޓީއޯއިން ކަނޑައަޅާ ހެޔޮ އަގުތަކެއްގައި މި ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އަތޮޅުތަކަށް މި ތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯއާއެކު ހަރަކާތްތެރިވާ އޭޖެންޓުންގެ ލިސްޓެއްވެސް އެ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ.
• ގްރޭޓަރ މާލެ ސަރަހައްދު: 48 ފިހާރަ
• އައްޑޫ ސިޓީ: 10 ފިހާރަ
• ފުވައްމުލަކު ސިޓީ: 6 ފިހާރަ
• ތިނަދޫ ސިޓީ: 4 ފިހާރަ
• ކުޅުދުއްފުށި ސިޓީ: 4 ފިހާރަ
• 3000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށްތައް: 22 ފިހާރަ
• 3000 މީހުންނަށްވުރެ ކުޑަ އާބާދީއެއް އޮތް ރަށްތައް: 38 ފިހާރަ
އެސްޓީއޯ ރޭޓުގައި އަތޮޅުތަކަށް މުދާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، އެ ކުންފުނިން ސީދާ ރަށްރަށުގައި މުދާ ވިއްކުމުގެ އިތުރުން ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދާ ފޯރުކޮށްދީ، އެ ފަރާތްތައް މެދުވެރިކޮށް ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުންނެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިވެގެންދާނެ ކަމަށް އިގުތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.
އިގުތިޞާދީ ވުޒާރާއިން ވިދާޅުވީ، މި އިންތިޒާމާއެކު ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވެ، ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ މުދާ ލިބޭނެކަން ކަށަވަރުވާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލެއްގެ ގޮތުގައިވެސް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.