ޚަބަރު

ނުކުޅުދުންތެރިކަން ހުންނަ 15885 މީހުންނަށް އެހީގެ ގޮތުގައި 59.2 މިލިޔަން ރުފިޔާ


  • ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވަނީ 6710 އަންހެނުންނާއި 9175 ފިރިހެނުން

  • 263 މީހުން ދަފުތަރުގައި އަލަށް ރަޖިސްޓްރީވި

ރާއްޖޭގައި ނުކުޅުދުންތެރިކަން ހުންނަ މީހުން ދަފްތަރުގައި 15885 މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސެޕްޓެންބަރ 2026ގެ ނިޔަލަށް ރާއްޖޭގައި ނުކުޅުދުންތެރިކަން ހުންނަ މީހުން ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވަނީ 6710 އަންހެނުންނާއި 9175 ފިރިހެނުންނެވެ. އޭގެ ތެރެއިން 263 މީހުންނަކީ އަލަށް މި ދަފުތަރުގައި ރަޖިސްޓްރީކުރި މީހުންނެވެ.

ރާއްޖޭގައި އުމުރުން 19 އަހަރުން ދަށުގެ 5396 މީހުން ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރެއިން 1659 މީހުންނަކީ އަންހެނުންނެވެ. އަދި 3737 މީހުންނަކީ ފިރިހެނުންނެވެ.

18-64 އަހަރާ ދެމެދުގެ 3944 މީހުން ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވެއެވެ. އެއީ 4150 ފިރިހެނުންނާއި 3944 އަންހެނުންނެވެ. 65 އަހަރުން މަތީގެ 2395 މީހުން އެ ދަފުތަކުގައި ރެޖިސްޓްރީކޮށްފައެވެ. އެއީ 1288 ފިރިހެނުންނާއި 1107 އަންހެނުންނެވެ.

ނުކުޅުދުންތެރިކަން ހުންނަ މީހުން ބެހިފައިވާ ގޮތް:

• ޖިސްމާނީ ނުކުޅުދުންތެރިކަން ހުންނަ - 4270 މީހުން
• މަލްޓިޕަލް ޑިސްއެބިލިޓީ - 3585 މީހުން
• ވިސްނުމުގެ/ސިކުނޑީގެ ނުކުޅުދުންތެރިކަން - 1812 މީހުން
• ނަފްސާނީ ނުކުޅުދުންތެރިކަން - 2626 މީހުން
• އަޑު އިވުމާއި ވާހަކަދެއްކުމުގެ ނުކުޅުދުންތެރިކަން - 1897 މީހުން
• ފެނުމުގެ ނުކުޅުދުންތެރިކަން - 1043 މީހުން
• އޯޓިޒަމް - 594 މީހުން
• އުނގެނުމުގެ ނުކުޅުދުންތެރިކަން - 61 މީހުން

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން، 15571 މީހަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެއީ 59،213،000 (ފަންސާސް ނުވަ މިލިއަން ދެ ލައްކަ ތޭރަހާސް) ރުފިޔާއެވެ. ނުކުޅުންތެރިކަން ހުންނަ 157 ފަރާތަކަށް މި މުއްދަތުގައި ތެރަޕިއުޓިކް ފަރުވާއަށް އެހީ ފޯރުކޮށްދީފައިވެއެވެ. އެއީ 4،834،087 (ހަތަރު މިލިޔަން އަށް ލައްކަ ތިރީސް ހަތަރު ހާސް އަށްޑިހަ ހަތް) ރުފިޔާއެވެ.

ތެލެސީމިއާ އެލަވެންސްގެ ގޮތުގައި 541 މީހުންނަށް އެހީ ފޯރުކޮށްދީފައިވާއިރު، އޭގެ ތެރެއިން އަލަށް މާލީ އެހީ ހަމަޖައްސާފައިވަނީ 6 މީހުންނަށެވެ. އަދި އެ ބޭނުމަށް 1،082،000 (އެއް މިލިޔަން އަށްޑިހަ ދެ ހާސް) ރުފިޔާގެ އެހީ ފޯރުކޮށްދީފައިވެއެވެ.

ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންގެ ތެރެއިން 3313 މީހުންނަށް އެހީ ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި އަލަށް ރަޖިސްޓްރީކުރި 31 މައިންބަފައިންނާއި، 119 ކުދިން ހިމެނެއެވެ. މާލީ އެހީ ލިބެނީ 5708 ކުދިންނަށެވެ. މާލީ އެހީއަށް 17،151،000 (ސަތާރަ މިލިޔަން އެއް ލައްކަ ފަންސާސް އެއްހާސް ރުފިޔާ) ފޯރުކޮށްދީފައިވެއެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ ދަފުތަރުން މީހުން އުނިކޮށްފައިވާގޮތުގެ ތަފްސީލަށް ބަލާއިރު، ކުރިން ނުކުޅުދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިން 22 އަންހެނަކާއި 27 ފިރިހެނަކަށް އެ އެހީތެރިކަން ދިނުން ވަނީ ހުއްޓާލާފައެވެ. އަދި ކުރިން އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންގެ އިނާޔާތް ލިބުނު 84 ބެލެނިވެރިން އެ ދަފުތަރުން އުނިކޮށްފައިވެއެވެ.