ކުޅިވަރު

ހެރީކޭން، ޝިލްޓަންގެ ރެކޯޑާ އެއްވަރުކޮށް، ޖެހީ ދެ ގޯލު


  • ކޭން 125 މެޗުގެ ރެކޯޑާ ހަމަކުރީ ޗެކިއާ ވާދަކުރި މެޗުގައި

  • ޗެކިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ ކޭން

  • ކޭން ކުޅުނު 125 މެޗުގައި ގައުމީ ޓީމަށް އޭނާ ވަނީ 91 ގޯލު ޖަހައިފައި

އިނގިރޭސި ގައުމީ ކެޕްޓަން ހެރީކޭން ޕީޓަ ޝިލްޓަންގެ ރެކޯޑާ ހަމަހަމަ ކޮށްފިއެވެ.

ކުރީގެ ޤައުމީ ކީޕަރު ޝިލްޓަން އަކީ އިނގިރޭސި ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އޭނާގެ 125 މެޗުގެ ރެކޯޑާ ކޭން އަރައި ހަމަކުރީ ރޭ ޗެކިއާ އަތުން 3-0އިން އިނގިރޭސިން މޮޅުވި މެޗުގައެވެ. މި މެޗުގައި އިނގިރޭސި ޓީމުގެ ފުރަތަމަ ދެ ގޯލު ޖެހީ ވެސް ކޭންއެވެ. ފަހު ގޯލަކީ ބައިކޮޅަށް ވަން ގޯލެކެވެ.

ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ޝަރަފު ޝިލްޓަން ހެދީ 1970 އިން 1990 އަށް ގައުމީ ޓީމަށް ކުޅެގެންނެވެ. އޭގެ ފަހުން މި ރެކޯޑާ ގާތަށް ދަތުރުކުރީ، ކުރީގެ ތިން ކެޕްޓަނުން ކަމަށްވާ ވޭން ރޫނީ އާއި ސްޓީވަން ޖެރާޑާއި ޑޭވިޑް ބެކަމްއެވެ.

އުމުރުން 33 އަހަރުގެ ފޯވަޑް މި މެޗުގެ ކުރިން ވާހަކަ ދައްކަމުން ބުނީ ޝިލްޓަންގެ ރެކޯޑާ އަރާ ހަމަކުރުމަކީ އަދި ޚާއްސަކޮށް އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ލިބުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށެވެ.

"އަހަރެން އެއްގޮތަކަށް ވެސް ކުރިން ވިސްނައިގެން ހުރި ކަމެއް ނޫން މިއީ. އެކަމަކު މިހާރު މި މެޗަކީ ވަރަށް ޚާއްސަ މެޗަކަށް މިވީ. މިއީ ހުރިހާ ގޮތަކުން ވެސް ކާމިޔާބީ އެއް. އަހަރެން ބޭނުންވަނީ މިފަދަ ކޮންމެ ވަގުތެއްގައި ޓީމު މޮޅުވާން. އެންމެ މުހިންމު ކަމަކީ އެއީ،" ބަޔާން މިއުނިކްގެ ފޯވަޑް ބުންޏެވެ.

އިނގިރޭސި ގައުމީ ޓީމަށް ކޭން އެންމެ ފުރަތަމަ ކުޅުނީ 2015 ވަނަ އަހަރެވެ. އޭނާގެ 125 މެޗުގައި ވަނީ ގައުމީ ޓީމަށް މިހާތަނަށް 91 ގޯލު ޖަހައިދީފައެވެ. ކޭން އަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ.

މެޗަށް ފަހު އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނީ އޭނާގެ ނަޒަރުގައި ކޭން އަކީ ހުރިހާ ގޮތަކުން ތަފާތު އިންސާނެއް ކަމަށެވެ.

"އޭނާ އަކީ މުޅިން ތަފާތު މީހެއް. ކެޕްޓަނެއްގެ ގޮތުގައި ވެސް އަދި އާއްމު މީހެއް ގެ ގޮތުގައި ވެސް. އޭނާ އަކީ ދަނޑުމަތީގައި އިނގިރޭސި ގައުމީ ޖާޒީގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ. މިއީ އަހަރެންގެ ހިޔާލު. އޭނައާއެކު ކުޅެމުގެ ފުރުސަތު ލިބުމަކީ އަހަރެންނަށް ލިބުނު ޝަރަފެއް،" ބެލިންހަމް ބުންޏެވެ.