އައްޑޫ ފޭދޫގައި ސަރުކާރުން އަޅަން ނިންމައިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށައި އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް" އިން ގެނަސްދޭ "އަހާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތުގެ ކުރެހުމާއި، ޓެކްނިކަލް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްގެ ސްޓްރަކްޗާގެ މަސައްކަތް ހެދުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
"އައްޑޫ ފޭދޫގެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތަށް އަޅުގަނޑުމެން ބިން ވާނީ ހަވާލުކޮށްފައި. އަދި އޭގެ މައުލޫމާތު އަޅުގަނޑުމެން ވާނީ އެމްއޭސީއެލްއާ ހިއްސާކޮށްފައި. އަދި އެ ބޭފުޅުން އެކަމަށް ބޭނުންވާ ކުރެހުމަކާ، ޓެކްނިކަލް މަސައްކަތް މިހާރު ވަނީ ނިމިފައި. އަދި އެ ސްޓްރަކްޗާގެ މަސައްކަތް ޕްރޮޑަކްޝަނަށްވެސް ވަނީ ދީފައި. އެހެންވީމަ އުންމީދު ކުރަނީ މި އަހަރުގެ ފަހު ކޮޅު މަސައްކަތް ފެށި އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އައްޑޫގައި އަޅާ ބެޑްމިންޓަން ހޯލުގެ ކޮންކްރީޓް ބުޑުތައް މިހާރު ޖެހިފައިވާ ކަމަށެވެ. އަދި މިހާރު އިމާރާތް ކުރުމުގެ މަސައްކަތް އަވަސްކުރަން ކޮންޓްރެކްޓަރާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ލަސްވާނަމަ ކޮންޓްރެކްޓް ބާތިލުކޮށް އިތުރު ބަޔަކާ މަސައްކަތް ހަވާލުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އައްޑޫގެ ސްޕޯޓްސް ކޮމްޕްލެކްސް މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަވާލުކުރެވުނު މަސައްކަތެކެވެ.