2027 ވަނަ އަހަރުގެ މެއި މަހާއި ހަމައަށް ރާއްޖޭގައި ޤައިވައިދާ ހިލާފަތް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރުމަށާއި، ވަޒީރުންނާއި ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުންނެއެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ބިދޭސީން ޤަވައިދާ ހިލާފަށް އުޅެމުންދިޔަ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން 1980ގެ އަހަރުތަކުން 2023 ވަނަ އަހަރާއި ހަމައަށް މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާފައިވާ މައްސަލައެއް ނޫންކަމަށް އިހްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރު ހަވާލުވިއިރު ރެކޯޑް ކުރެވިފައި 295000 ބިދޭސީން ތިބިކަމަށެވެ. އޭގެތެރޭގައި ފިންގަރ ޕްރިންޓްނެގި ކާކުކަން ދެނެގަނެވިފައިވަނީ އެންމެ 22000 މީހުން ނަމަވެސް ވޭދުވެދިޔަ މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތުން 260000 މީހުން ވެރިފައިކޮށްފައިވާކަމަށެވެ. އެގޮތުން މިވަގުތު ރާއްޖޭގައި ބަޔޯމެޓްރިކްސް ނުނެގި ތިބޭނީ އެންމެ 1 އިންސައްތަ މީހުންކަމަށް ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް ބަލާއިރުވެސް، އެ ޤައުމެއްގެ ބިދޭސީ އާބާދީގެ ތެރެއިން ބަޔޯމެޓްރިކްސް ދެނެގަނެވިފައިނުވާ ނުވަތަ މަޢުލޫމާތު ފުރިހަމައަށް ނޭނގޭ މީހުންގެ އަދަދު 1 އިންސައްތައިގެ ތްރެޝްހޯލްޑްގައި ހިފެހެއްޓިފައި އޮތީ އެންމެ 3 ޤައުމެވެ. އެއީ ދިވެހިރާއްޖެ، ސިންގަޕޫރު، އަދި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެކަމަށެވެ. އެގޮތުން ބިދޭސީ އާބާދީ އޮންނާނީ ބޭރު ދުނިޔޭގައިވެސް ބަލައިގަންނަ މިންވަރަށްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގައި ޤަވައިދާ ހިލާފަތް އުޅޭ މީހުންނާއި ޤަވައިދާ އެއްގޮތައް އުޅޭމީހުން ވަކި ކުރެވޭނެކަމަށެވެ. އަދި ކުރަން އައި މަސައްކަތް ނޫން އެހެން މަސައްކަތެއްގައި އުޅޭ މީހުން ޑީޕޯޓް ކުރެވޭނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ބަލަނީ 100 އިންސައްތަ ހާސިލްކުރުމަށް. ރާއްޖޭގައި އަޅުގަނޑުމެން އެޗީވް ކުރަން ބޭނުންވާ ނަތީޖާއަކީ އެއީ. މީގެ ތެރޭގައި އެބައުޅޭ ބަރާބަރަށް ފައިސާ ދައްކާ ދިވެއްސެއްގެ ނިވަލުގައި ތިބެގެން ފިޔަފާރި ބަރާބަރަށް ކުރަމުން އަންނަ މީހުން. ދިވެހި މީހާއަކީ ރެންޓް ހޯލްޑަރެއް އޭނާއަކަށް ނޭގެ މީނަ ކުރަނީ ކޮންކަމެއްކަމެއް. މިކަން ހައްލުކުރުމަށްޓަކައި ޤާނޫނު އޮނިގަނޑައް ގެނެވުނު ބަދަލުތަކުގެ ތެރެއެއިން މިހާރު ބިދޭސީ ކޮންމެ މީހަކަށް އެމީހާ ގެނެސް އިހުމާލުވާ ފާރާތެއްގެ ތެރެއިން ބިދޭސީ ކޮންމެ މީހެއްގެ ބޮލަކަށް 50000 ރުފިޔާ ޖޫރިމާނާ ކުރެވޭނެ" އިހްސާން ވިދާޅުވިއެވެ.
އަންނަ އަހަރުގެ މައި މަހަށް ދާއިރު ރާއްޖޭގެ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެކަމަށާއި ދިވެހިން ކުރަމުންދިޔަ މަސައްކަތުގައި ހަރަކާތްތެރިވާ ބިދޭސީން ނެރެވި، އެ މަސައްކަތުގައި ދިވެހިން އަލުން ހަރަކާތްތެރިވާން ފަށާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.